ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އެކުލަވާލާފައިވާ ޚާއްޞަ ޓާސްކްފޯސްގެ އޮޕަރޭޝަނެއްގައި، މާލޭގައި ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ވަގުތުން ހުއްޓުވައި، އަނެއް ތަނަކަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ޢަމަލެކެވެ.
ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، ސަރުކާރުން ވަނީ "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައެވެ. އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުން ދިޔަ 9 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި އިޤްތިޞާދީ ވުޒާރާއިން ވަނީ 2 ތަނެއްގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވައި 1 ތަނަކަށް ނޯޓިސް ދީފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ އެންމެ ބޮޑު މަޤްޞަދަކީ ރާއްޖޭގެ ވިޔަފާރީގެ މާހައުލު ޤަވާއިދުގެ ތެރެއަށް ގެނައުމެވެ.
މިމަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަމެވެ. އިމިގްރޭޝަނުން ފާހަގަކުރައްވާ ގޮތުގައި، ޤަވާއިދާ ޚިލާފަށް "އޯޕަން ވިޒާ"ގެ ނަމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެފަދަ ފަރާތްތަކުން ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދައި، އަމިއްލަ މަސައްކަތްތަކާއި، ވިޔަފާރި ކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

