ރާއްޖޭގެ މަޝްހޫރު ސުޕަރ މޮޑެލް، ޅ ނައިފަރަށް ނިސްބަތްވާ ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އާއި އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅާ ދެމެދު ބޯޓެއްގެ މިލްކުވެރިކަމާ ގުޅޭ މައްސަލަ މިހާރު ވަނީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުނީ، ސިވިލް ކޯޓުން ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލައާ ގުޅިގެންނެނެވެ.
ހައި ކޯޓުން މިދިޔަ އޮކްޓޯބަރު ނެރުނު ހުކުމް ކައިޒީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މިހާތަނަށް މި މައްސަލަ އެ ކޯޓަށް ބަލައިގަތުމާމެދު ގޮތެއް ނިންމާފައެއް ނުވެއެވެ.
މިދައުވާ އަކީ ކައިޒީން އޭނާގެ ބަައްޕަގެ މައްޗަށް އުފުލި ދައުވާއެކެވެ. ކައިޒީން ދައުވާކުރާ ގޮތުގައި 3.6 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ބައްޕަ ލައްވާ ގަތް ބޯޓެއް، އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅު ކައިޒީންގެ ރުހުމަކާ ނުލައި ބައްޕަގެ އަމިއްލަ ނަމަށް ރަޖިސްޓްރީކޮށްފައެވެ. ކައިޒީންގެ ދައުވާއަކީ ބޯޓުގެ މިލްކުވެރި ފަރާތަކީ އޭނާ ކަމަށް ކަނޑައަޅައިދިނުމަށާއި، ބޯޓުގެ ރަޖިސްޓަރީ އޭނާގެ ނަމަށް ބަދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދިއެވެ. އަދި ބޯޓު ކުއްޔަށް ދިނުމާއި ވިއްކާލުން މަނާކުރުމަށް ވެސް އޭނާ އެދުނެވެ.
ސިވިލް ކޯޓުން ނިންމީ ބޯޓު ގަތުމަށް ފައިސާ ދިންކަން ސާބިތުކުރުމުގައި ހެކިބަސް ފުށުއެރުންތަކެއް ހުރުމާއެކު، އެ ބޯޓަކީ ކައިޒީން ގަނެފައިވާ އެއްޗެއްކަން މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ. ނަމަވެސް، ކައިޒީންގެ ފަރާތުން މި ހުކުމް ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް ނިންމާފައެވެ.
ބައްޕަގެ ފަރާތުން ދިފާއުގައި ބުނެފައިވަނީ، ކަައިޒީންގެ ދައުވާގައި ބޯޓު ގަނެފައި ވަނީ އޭނާގެ ފަރާތުން އިބްރާހީމް އަލިފުޅާ އެ މަސައްކަތް ހަވާލުކޮށްގެން ކަމަށް ބުނެފައިވީ ނަމަވެސް، ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނަނީ އިބްރާހީމް އަލިފުޅުގެ ނަން ކަމަށާއި އެހެންކަމުން، އެ ބޯޓު ގަނެފައި ވަނީ އިބްރާހީމް އަލިފުޅު ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަން އެނގޭ ކަމަށެވެ. މީގެ އިތުރުން، ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާ މެދު އައިސްފައިވާ ހަދީސަކުން، ދަރިއެއްގެ މުދަލެއް މައިންބަފައިން ބޭނުން ކޮށްފިނަމަ އެ ފަރާތެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަން ހާމަވާ ނުކުތާއެއްވެސް އިބްރާހީމް އަލިފުޅުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައަށް ދެފަހަރު ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާއިރުވެސް އެހުކުމް އޮތީ ކައިޒީނާ އެއްކޮޅަކަށް ނޫނެވެ. މިއީ މި މައްސަލަ ކައިޒީންގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހެޅި ދެވަނަ ފަހަރެވެ.

