ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު، މަގުމަތީ އަގު 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރާ މަސްތުވާތަކެތީގެ ބޮޑު ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންނެވެ.
ކަސްޓަމްސްއިން ހާމަކުރެއްވި ތަފްސީލުތަކަށް ބަލާއިރު، އެތެރެކުރަން އުޅުނީ ކެނަބިސް ފަތެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 3 ކިލޯގްރާމް (3050 ގްރާމް) އެވެ. މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާއިރު، ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު އިސްލާޙު ކުރުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ.
މި ބިލުގައިވާ ގޮތުން، 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ. މީގެ އިތުރުން، ރާއްޖެއަށް ވައިގެ މަގުންނާއި، ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކަސްޓަމްސްގެ އޮފިސަރުންނާއި، ފުލުހުންނަށް ލިބޭ ބާރުތައްވެސް މި ބިލުގެ ދަށުން ވަނީ ހަރުކަށި ކޮށްފައެވެ. ކަސްޓަމްސްއިން މިފަދަ ބޮޑެތި ޝިޕްމެންޓްތައް އަތުލައިގަތުމަކީ، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ކާމިޔާބު ލިބެމުންދާ ކަމުގެ ހެއްކެކެވެ.

