ރ. ހުޅުދުއްފާރުގައި ވަޅިއެއް ބޭނުންކޮށްގެން ޕޮލިސް ޕޯސްޓަށް ވަދެ ބިރުދައްކައި، އެތަނަށް ގެއްލުންދިނުމުގެ އިތުރުން ރަށުން ކަރަންޓު ކަނޑާލި މައްސަލައެއްގައި 31 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، މި މީހާ ވަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އެރަށު ޕޮލިސް ޕޯސްޓަށް ވަދެ އެތަނުގެ ބައެއް ތަކެއްޗަށް ގެއްލުންދީފައެވެ. މީގެ އިތުރުން، އޭނާ ވަނީ ހުޅުދުއްފާރު ސްކޫލަށް ވަދެ ދިދަ ކަނޑާލުމަށް ފަހު، ފެނަކަ އިމާރާތަށް ވެސް ވަދެ އެތަނުގެ ދިދަ ކަނޑާލާފައެވެ. އެންމެ ބޮޑު އެއް ގެއްލުމަކީ އޭނާ ރަށުގެ ކަރަންޓު ކަނޑާލާފައިވާ ކަމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ ހައްޔަރުކުރެވުނު މީހާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށެވެ.
މި ހާދިސާގެ ތަހުގީގު ފުލުހުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

