ރަތް ހަނދުވަރު ރޭ – 4 ވަނަ ބައި
ތޫބާ ހިތުގައި މި ދެފިރިހެނުންނަށް ކޮންމެވެސް ސިއްރުވެރި ޖާގައެއް އޮތްކަން އެ ހާމަކޮށްލީ އާދަޔާ ޚިލާފު ގޮތްތަކަށެވެ. އާރިފު ނޫން ކަމަށް ހަދައި ފެންނަން ހުރި ސާމާނުތައް ހާވަން ފެށިއެވެ. އިހުގައި ފަރުމާކޮށްފައި ހުރި ލަކުޑި މޭޒެއްމަތީ ހިރަފުހުން ބައުވެފައި ފެންނަން ހުރި އާސާރީ ސާމާނުތަކުން އާރިފު ލޮލުގައި އަޅާގަތް ލޮއިން ހަދާފައި އޮތް ފިނިފެންމަލެކެވެ. ނޫންކަމަށް ހެދި ތުބުންފުމެމުން އޭނާ މިއެއްޗެއް ނަގައި ޖީބައްލިއެވެ.
އޭނާ މި އެއްޗެއްނަގައި ފޮރުވިކަމެއް ދެން ތިބި ދެމީހުނަށް އެނގުންނުވެއެވެ. އޭނާ ގޮތަކަށް މި ވިސްނަނީ ތޫބާގެ ސަމާލުކަން މީނާއަށް ހުއްޓުވާލާނެ ގޮތެކެވެ. ކުއްލިއަކަށް ޖެހުނު ވައިރޯޅިއަކުން ބިންމަތީގައި ހުރި ފީފަތްތައް ބުރައިގެން ދިޔައެވެ. އަދު މިތަނަކަށް ވަދެ އެތަން މިތަން ބަލާ ފާސްކޮށް މޮޅުވާހަކަ ދައްކައި އުޅެނިކޮށް މި ޖެހުނު ވައިރޯޅިން ޒާތެއްގެ ނާމާން ކަމެއް ވެރިގެންފިކަހަލައެވެ.
އިމާރާތުގެ ބޭރުން ބިޔަ ޖަނަވާރެއް ފަދަ އެއްޗެއް ބާރުގަދަ ޒާތެއްގެ އަޑުން ގުގުމާލިއެވެ. ވެއަރް ވުލްފް ބާވަތެއް ކަހަލަ ހިޔަޅެއް ނެރޭފަދަ އަޑެކެވެ. އޭނާ ހިނިތުންވެލަމުން ބޭރަށް ނަޒަރުހިންގާލައި މިނިވަން އިޙްސާސަކުން ތޫބާ ދުވެފައި ބޭރަށް ނިކުތެވެ. ވެރިވެފައި ހުރި ދުންފިނި ތެރެއަށް ތޫބާ ނަށަމުން އެނބުރެމުން ފަރި ރާގެއް އަޅުވައި ލަވަކިޔަމުން ހުސްފަޔާ އޭނާ އަތުގައި އޮތް ކުޑަ ތަޅުވަމުން ހިގައްޖެއެވެ. މަންޒަރު ބަލަން ތިބި ދެ ފިރިހެނުންނަށް ހުވަފެނެއް ފެނުނު ކަހަލަ ގޮތަކަށް އޭނާގެ ފަހަތުން ނިކުތެވެ.
މި ދެމީހުން ހައިރާންވެ ހުއްޓުންއަރައި ނަފްސުތައް ގަނޑުވިއެވެ. މި ފެންނަނީ ކޮންމަންޒަރެއްބާ؟
އެދެމީހުން ހައިރާންވެ އަންތަރީސްވިއެވެ. ކުރިމަތިން ފެންނަން ހުރި ޖަންގަލީ އެއް ފަރާތައް ފެންނަން ހުރި ހަނި ގޯޅިއެއް ދެފަރާތުން މަޑުފިޔާތޮށްޓާ ހުދު ޗެރީބޮލްސަމް މާތައް ފުރިފައެވެ.
ތޫބާ ހެވިފައި އެ ހަނި ގޯޅިން ދުވެފައި ފަހަތައް އެނބުރިލާފައި އިގިލިން އިޝާރާތް ކޮށްލަނީ އޭނާއާއި ހަަމައަށް އައުމަށް ބުނާގޮތަށެވެ. ޖެހެމުން ދާ ވައިރޯޅިން ބޮލްސަމްތައް ވަޔާއި ބުރައިގެން އޭނާ ވަށާލައި ބަރިއަކަށް ނަށާލައެވެ. ހުރިހާ ދިމާއެއްގައި ހިތަށް ފަސޭހަކަން ގެނުވާ ހިތްގައިމު މަޑު މީރުވަހެއް ފެތުރިފައި ހުއްޓެވެ. ހިތްގައިމު ބަގީޗާއެއްގައި އެކަހެރި ތަނެއްގައި ހިނގަމުން ވެރިވެފައިވާ ފިނި ދުންގަނޑު ތެރެއިން އާރިފަށް މި ދެވެނީ ކޮންތާކަށް ކަމެއް ނުއެނގުނެވެ. ފަހަތުގައި ކެމެރާ ހިފައިގެން ހުއްޓުމެއް ނެތި ފަޒްލީނު ވީޑިއޯ ކުރަމުން ދިޔައެވެ.
ދުރަށް ފެންނަން ހުރި ރީތި ބަގީޗާގައި ޗެރީ ބޮލްސަމް މާތަކުން ޒީނަތްތެރި ކޮށްލާފައި ހުރި އުނދޯއްޏެއްގައި ތޫބާ އެއިނީ އުފަލުގައި ފަރި ރާގެއްގައި ލަވަކިޔާލަން އެކަންޏެވެ. ވަގުތު އަރައިގެން ދިޔަގޮތް ނޭނގުނީ ގަޑީގެ ކަށި ހުއްޓުން އަރާފައި ހުންނަފަދަ އިހްސާސަކުން ހުވަފެނީ ދުނިޔެއެއްގައި އުޅެވޭ ޚިޔާލުތަކުން ސިކުނޑީ ފުރިގެން ދިޔައީމައެވެ. އެއޮށްގެން އިރުއޮއްސެން ގާތްވީއެވެ.
އުޑުމަތީގައި ރަންކުލައިގެ ރަތްވިލާތަކުން އޮރެންޖު ކުލައާ ދަނބުކުލައިން ފަނޑުއަލިކަމެއް ވެރިވެފައި ފެންނަން ހުރި ޗެރީ ބްލޮސަމް މާތައް ކުރިއަށް ވުރެބޮޑަށް ސައިޒުން ބޮޑެތިވެ، ކޮކާތައް އައިސް ވަށައިގެން އުދުހި އުޅެންފެށިއެވެ.
މީހުން އެކިޔާ ވާހަަކަތަކަށް ވުރެ މި މަންޒަރު ހަމަލޮލަށް ފެންނަ މީހަކަށް އަންތަރީސްވެ ހައިރާންކޮށްލާނެއެވެ. މިރޭ އުޑުމަތީގައި ފެންނަން ހުރި ހަނދުގައި ރަތްކުލައިން ދަޅައެޅިފައި ހުރިކަހަލައެވެ. ރަތް ފަނޑުއަލިކަމެއްގައި ހަނދު ބޮޑުވެފައި ހުރީ ކޭތަހިފާފައި ހުންނަގޮތަށެވެ. އިރުޚޯލެއް ފަހެވެ. ހެވިފައި އުފަލުން އާރިފު އައިސް ތޫބާގާތުގައި އިށީނެވެ. އަނގައިން ބަހެއް ބޭރުނުކުރިއަސް މިހާރު ދެ ހިތެއްގެ އަޑީގައި ފޮރުވިފައިވާ ޝުއޫރުތަކާއި ޖަޒްބާތުތައް ފުރިގެން ދިޔައެވެ. އޭނާ އެތަނުން ނަގައި ފޮރުވައިގެން ގެނައި ލޮއި ފިނިފެންމާ ތޫބާއަށް ލޯބިން ދިއްކޮށްލިއެވެ.
އޭނާ ހިނިތުންވެފައި އެމަލަށް ދޮނެއްދީފައި އެއާ ދިމާއަށް ހެވިފައި ބަލަން އިނެވެ. ދެ ފުރާނައިގެ ތެރޭ ވިންދުޖަހައި އޮތް ހިތްތަކު އަޑީގައި އުފެދެމުން އައި ސިއްރުތައް ހާމަވެގެން މިދަނީ ހުވަފެނީ އާލަމެއްގައި ދެމީހުންގެ އަމަލާއި މި ނާޒުކު ވަގުތާއި އެކުގައެވެ. ގަޑިން ވީއިރެއް ދެނެގެންނާނީ ކިހިނެއް، އެއަށް ވުރެ މި ދެ ލޯބިވެރިންގެ އިހްސާސްތައް ގުޅިލާމެހި ފުރިގެން ބަންޑުންވަނީއެވެ.ޤަބޫލުކުރަން ދަތި އެހެނަސް އޭނާ ބޭނުންވި ގޮތައް ތޫބާ ގޮވައިގެން އެކެހެރި ވަގުތުކޮޅެއް މި ހޭދަވަނީ ތޫބާގެ އުނގުގައި ބޯއަޅައިގެން އޮވެއެވެ.
އުދުހި އުޅޭ ކޮކާތައް އޭނާ ވަށައިގެން އެނބުރޭއިރު ތޫބާއަކީ އާދަޔާ ޚިލާފު ބާރެއް ހުރި ކުއްޖެއްފަދައެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅީގެ ތެރެއިން ދުވި މަޑު މީރުވަހުން އޭނާއަށް ލިބުނު ހިތްހަމަ ޖެހުމުން ލޯމެރިފައި އޮތީ އެހެން ހުރިހާ ކަމެއް ހަނދާނުން ކެހިފައެވެ. އުޑުމަތީގައި ފެންނަން ހުރި އަލިފާން ބޯޅައެއް ފަދަ ހަނދުގައި ޒާތެއްގެ އަނދިރި ހިޔަންޏެއް އެޅިގެން ވިލާގަނޑުތައް ދައުރުވާގޮތް ބަދަލުވިއެވެ. އުނދޯލީގައި ފަރިރާގެއް އަޅުވާލައިގެން އިން ތޫބާ އިސްއުފުލައި ރަތް ހަނދުވަރާ ދިމާއަށް އެސްފިޔަ ނުޖަހައި ބަލަން އިނެވެ.
އޭނާގެ ލޯބޮޑުވާންފެށިއެވެ. ނުހުއްޓި ބޮޑުވާން ފެށި ދެލޯ ވަށްވާން ފަށައި މިހެންދެފަރާތުން ދެލޯޖެހި ގުޅިލާމެހި އެކަތިގަނޑަކަށް ބަދަލުވެ މޫނުގައި އެހެން ހުރިހާ ގުނަވަންތައް ވަންހަނާވެއްޖެއެވެ. އުފާވެފައި އޮތް އާރިފު އެއޮތީ މީގެ ކުރިން އޭނާ ލޯބިން އެއަންހެނެއްގެ އުނގުގައި ބޯއަޅައިގެން އިން ތޫބާއާއި އެކުގައެއް ނޫނެވެ. އެމޫނެއްގެ ފަހަތުގައި އެއްވެސް ގުނަވަނެއްނެތް ފާޅުވެފައިހުރީ ބޮޑު ވަށް ލޮލެއް އެކަންޏެވެ.
މި އެއްޗެއް މިއީ އެސްފިޔަ ޖަހާއެއްޗެއް ނުވިއަސް ލޮލުގެ ކޮއި ވަށްބުރެއްހެން އަނބުރާލައި ކަޅު ލޭނާރުތައް ފުއްޕާލައެވެ. މިއެއްޗެއް ނަޒަރުހިންގާލައި ބޮޑު ލޮލުން ބަލާލި ކޮންމެ ދިރުމެއް ފަނާވެގެން އަޅިވެއެވެ. މިހެން ކަންކުރާ ކޮންމެ ފަހަރަކު އެތާނގައި ވަށައިގެން އެނބުރި އުދުހު އުޅުނު ކޮކާތައް އަނދައި އަޅިއަށް ވެގެން ވައިގެ ތެރެއަށް ކުނޑިވެ ބުރައިގެން ދިޔައެވެ. އިސްއުފުލައިގެން މި ބިރުވެރި އެއްޗެއް ރަތް ހަނދާދިމާއަށް ބަލަހައްޓައިގެން އިނީއެވެ.
އޭނާއަށް އޮތީ ނިދިފައެވެ. އާރިފު ކޯތާފަތުގައި އެއްޗެއް އުނގުޅުނުހެން ހީވިއެވެ. އެކަމާ އެހާ ބޮޑު ސަމާލުކަމެއް ނުދިނެވެ. މި އަންހެން ކުއްޖާގެ އަވާގައި ޖެހިފައި އާރިފު އޮތްވައި ކުރިން އިވުނު ކަހަލަ ބަރު އަޑެއް އިވިގެން އޭނާ ސިހުންވިއެވެ. އެވީ ކިހިނެއް ؟ އޭނާ ކުއްލިއަކަށް ތެޅިގެންފައި ޗޮކެއްކަނޑާލައި އޭނާގެ އުނގުން ބޯހިއްލައި ދުރަށް ބަލާލިއެވެ. ހިތަށް އެރީ ފަޒްލީނު އެމީހުނަށް ސަމާސާ ކުރަނީކަން ޔަޤީނެވެ.
ދުވަމުން ދިޔަ މީރު ވަސް ބަދަލުވީ ތަތް އޮލަވަހެއް އެކުލެވިގެންވި ނޯށަށް އުދަނގުވާ ކަހަލަ ދުންވަހަކަށެވެ. އޭނާ އަތުގައި އެއްޗެއް އުނގުޅިގެން ކުޑަކޮށް ނޭފަތުގައި ޖައްސާލައި ވަސްބަލާލިއެވެ. ދުވީ އޮލަ ކުނި ޒާތުގެ ލޭވަހެވެ. ނޯށަށް އުނދަގުވެ އޭނާ އޯކާދެމި މޭނުބައިކޮށް ތޫބާގާތުގައި އޮވެފައި ކުއްލިއަކަށް އުނދޯލީގައި އިން އާރިފު ބިންމައްޗަށް ގުޅައަކަށް ވެއްޓިގަތެވެ. އޭނާ ދެއަތުގައި ލެއިން ތަތްވެފައެވެ. ހިތް ބިރުން ގުޑުންއަރައި އިސްދަށަށް ޖަހައިގެން އިން ތޫބާއަށް ނަޒަރުހިންގާލިއެވެ.
އަސްތާ މިފެންނަނީ ކޮންކަމެއްބާ؟ އޭނާގެ އަނގައެއް ނޭފަތެއް ނެތް މޫނުގައި ފާޅުވެފައި ހުރި ބޮޑު ވަށް ލޮލުން އޮލަ ތަތްލޭ ފައިބަނީއެވެ. ފެނުނު ބިރުވެރި ފުރޭތަ އިން އުނދޯލި ތަޅުވަން ފެށިއެވެ. ރަތް ފަނޑު އަލީގައި އާރިފަށް ހަޅޭއްކޭއް ލަވައި ބިރުން ތެދުވިއެވެ. އޭނާ ބިރުން ފަހަތައް ފިޔަވަޅުއަޅަމުން ލޯބޮޑުކޮށްލައި ރަނގަޅަށް އަމިއްލަ ޒާތުގައި ހެއްލެމުން ދިޔަ އުނދޯޏަށް ބަލާލިއެވެ.
އެއީ ތޫބާއެއް ނޫނެވެ. އޭތި އެއިނީ އޭނާއާއި ކުރިމައްޗަށް ވާގޮތަށް ވިއަސް އޭނާ މޫނުމައްޗަށް އިސްތަށިގަނޑު ވައްޓާލައި މޫނު ފޮރުވިފައެވެ. އޭނާއަށް ހީވި ގޮތްބާ؟
އާރިފު:” ތޫބާ؟ ތުރުތުރު އަޅާ އަޑުން ގޮވާލިއިރު އޭނާގެ ގައިން ހީބިނެގިއެވެ. ހިތްވަރުކޮށްފައި މަޑު ފިޔަވަޅުތަކެއްގައި ރަތްފަނޑު އަލީގައި އާރިފު އަތް ތޫބާއާ ދިމާއަށް ދިއްކޮށްލިއެވެ. އެ ފަށުވި އިސްތަށިގަނޑުގައި އަތް ބީއްސާލަން އުޅުމުން ކުއްލިއަކަށް އިސްއުފުލައި އޭނާ ބަލާލުމުން އެ ފެނުނީ ހުރިގޮތައް ހުރި ބޮޑު ލޮލުން އޮލަ ލޭ ފޭބިތަނެވެ.
މޫނެއްގެ ބައްޓަން ހުއްޓަސް އެއްވެސް އެހެން އިތުރު ގުނަވަނެއް ފާޅުވެ ފެންނަން ނެތެވެ. ފަށުވިފަން އިސްތަށިގަނޑު ނިވަލުގައި ފޮރިވިފައި ހުރި ބިރުވެރި ބޮޑު ލޮލެއް އޭގެ ކަޅު ލޭނާރުތަކުން ފުފިފައި ހުރި ގޮތުން އޭނާއަށް ކުރެވުނު ޚިޔާލެއް ނޫނެވެ. އެއިނީ އަސްލަށްވެސް ބިރުވެރި ފުރޭތައެކެވެ. ގެންބިރުން ހިތް ތެޅިފޮޅި ހަތަރެސްފައި ތުރުތުރު އެޅިއެވެ.
ބޭއިޚްތިޔާރުގައި އާރިފު ދެފަޔަށް ބާރުލައި އައި ކޮޅަށް ދުއްވައިގަތީ އެ ބިރުވެރި ފުރޭތަ ކިބައިން ފުރާނަ ސަލާމަތް ކުރާށެވެ. ދުވަމުން ފަހަތް ބަލާލެވުނެވެ. އެއީ އެހެން އަންހެންކުއްޖެއް ނުވަތަ ކާކު ނޫނީ ކޮންއެއްޗެއްހެޔެވެ. މީގެ ވަގުތުކޮޅެއް ކުރިން އޭނާ ގާތުގައި އިން ތޫބާ ކޮބައިބާ؟ އޭނާ ކާލާފައި އަރާއިން ފުރޭތައެއްބާ. އެފެނުނު އެއްޗެއްގެ ބިޔަ ލޯތެރެއިން ދުލެއް ދެމިގެން ފައިބާގެން ބިމުގައި ފެތުރިގެންފިއެވެ.
އޭގެ އަތުގެ ވަކިތައް ތޫނުވެފައި އިސްތަށިގަނޑުން ކުޅަނދުރާ އެހެނިހެން ކުދި ދިރޭސޫފިތައް ނިކުމެ ކުނަމެހިތައް ގިނަވެ ވަށައިގެން އުދުހެން ފެށިއެވެ. އޭތީގެ ބޮޑުލޮލުން ފަޅަންފެށި ދަތްތައް ދިގުވެ ބިރުވެރި ސިފައަކަށް ބަދަލުވިއެވެ. ދެފަޔަށް ބާރުލާފައި ހަނި ގޯޅިން ދުވެފައި ދަމުން އާރިފު ފަހަތައް އެނބުރި ބަލާލެވުނެވެ. ފެންނަން ހުރި ޗެރީބްލްސަމް ބަގީޗާ މިހާރު އެ ސިފަވަނީ ކަށިކުނބުރު ޖަންގައްޔެއް ހެނެވެ.
=ނުނިމޭ=

