މިއަދާއި މާދަމާވެސް ރާއްޖެ ސަރަޙައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ. މެޓް އޮފީހުން ވިދާޅުވާ ގޮތުގައި މި ދެ ދުވަހަކީ ރާއްޖެ ސަރަޙައްދުގެ ވައި އެންމެ ބޮޑަށް ނުސާފުވާނެ ކަމަށް ބެލެވޭ ދެ ދުވަސްކަމަށެވެެ. މެދުރާއްޖެ ތެރެއާއި އުތުރުގެ ސަރަޙައްދުތަކަށް މިއަދު ވިޒިބިލިޓީ ނުވަތަ ދުރު ފެންނަ މިންވަރު ހުރީ، 3 ކިލޯމީޓަރަށެވެ. މި ދެ ދުވަހުވެސް ވިޒިބިލިޓީ ހުންނާނީ މި މިންވަރަށް ކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ.
ރާއްޖެ ސަރަޙައްދުގެ ވައި މިދުވަސްވަރު ނުސާފުވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައި ޖެހުމާއެކު އަންނަ ދުމާއެކުގައެވެ. މެޓް އޮފީހުން ވިދާޅުވީ، ވައި އެންމެ ބޮޑަށް ނުސާފުވާނީ، މެދު ރާއްޖެތެރެއާއި އުތުރުގެ ސަރަޙައްދުތަކަށް ކަމަށާއި، ވައި ނުސާފުވުމުގެ މައްސަލަ ދެކުނަށް ނުކުރާ ކަމަށެވެ. މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި ބުރާސްފަތި އަދި ހުކުރު ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ އެ ދެ ދުވަހު ވައި ނުސާފުވުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވާނެއެވެ. އަދި ރާއްޖެ ސަރަޙައްދުގެ ވައި ސާފުވާނެ ކަމަށް ބެލެވެނީ، އިރުވައި މޫސުން ނިމޭ ހިސާބުން ކަމަށްވެސް މެޓް އޮފީހުން ފާހަގަކުރައްވައެވެ.
ސިއްޙީ ރައްކާތެރިކަމަށް އެޗްޕީއޭގެ އިލްތިމާސް
ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، އޭގެ ސަބަބުން ސިއްޙީގޮތުން ނާޒުކު ޙާލަތްތަކުގައި ތިބޭ މީހުންނަށް ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.
ޚާއްސަކޮށް ތުއްތު ކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތަކުގެ މީހުންގެ އިތުރުން އެލަރޖީ މައްސަލަ ހުންނަ މީހުން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެގޮތުން ކޮންމެހެން ދާންޖެހޭ ޙާލަތްތަކުގައި ނޫނީ ބޭރަށް ނުދިޔުމަށާއި، ބޭރަށް ދާއިރު މާސްކު ބޭނުން ކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ގޭގައި އެއަރ ޕިއުރިފަޔަރ ބޭނުން ކުރުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

