އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ރީޖަނަލް އޮޕްރޭޝަން ސެންޓަރުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ އިމާރާތުގެ ޓައި ބީމް އެޅުމުގެ މަސައްކަތެވެ.
ހިތަދޫއަކީ 17,590 މީހުންގެ އާބާދީއެއް އޮންނަ އައްޑޫ ސިޓީގެ ވެރިކަން ކުރާ ރަށެވެ. މި ރީޖަނަލް އޮޕްރޭޝަން ސެންޓަރު ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ، ގުދުރަތީ ގޮތުންނާއި، އެނޫންވެސް ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުންނަށް އަވަސްކަމާއި ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދީ، ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން، 4,338 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލާގެ އިމާރާތެއް އަޅާނެއެވެ. މިއިން ކޮންމެ ފަންގިފިލާއެއްގައި 2,368 އަކަފޫޓުގެ ސަރަހައްދެއް ހުންނާނެއެވެ. މި ސެންޓަރުގެ މަސައްކަތް ނިމުމުން، ކާރިސާތަކުގައި ރައްޔިތުންނަށް ދޭންޖެހޭ އަވަސް އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މި މަޝްރޫއަކީ 6.50 މިލިއަން ރުފިޔާގެ ބަޖެޓެއްގައި ހިންގާ މަޝްރޫއެކެވެ. އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 300 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތްތައް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނިންމައި، އައްޑޫ ސިޓީގެ ރައްޔިތުންނަށް މި ޚިދުމަތް ދިނުމަށް އެމްޓީސީސީ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

