ގދ. ގައްދޫގައި އިމާރާތް ކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ މަސައްކަތްތައް ކުރިއަށްދާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ ސެންޓަރުގެ ފުޓިންގ މާކް ކުރުމުގެ މުހިންމު މަސައްކަތެވެ.
މި މަޝްރޫޢަކީ އާރްޑީސީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ނަތީޖާއެއްގެ ގޮތުން ގައްދޫގައި ޒަމާނީ ފެންވަރުގެ ފިޓްނަސް އަދި މުނިފޫހިފިލުވުމުގެ މަރުކަޒެއް ޤާއިމް ކުރެވިގެންދާނެއެވެ. އާރްޑީސީ އިން ވަނީ މީގެ ކުރިން މި ސެންޓަރުގެ ވަށައިގެން ބައުންޑަރީ ފެންސް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައެވެ.
ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމް ކުރުމުގެ މަސައްކަތް ވަނީ ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާ ހަވާލު ކޮށްފައެވެ. މިގޮތުން ގިނަ ރަށްރަށުގެ އެފްއާރްސީ އިމާރާތްކުރުމުގެ މަސައްކަތް ވަނީ އާރްޑީސީއާ ހަވާލު ކޮށްފައެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅިވަރު ދާއިރާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދުފުޅުގެ ބައެކެވެ. އެއީ ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމް ޤާއިމްކުރުމުގެ މަޝްރޫޢެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުތައް ފުރިހަމަވުމުން ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ރަށު ފެންވަރުގައި ކުޅިވަރުގެ ހަރަކާތްތައް އިތުރުވެ، ޒުވާނުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެގެންދާނެއެވެ.

