ގއ. ގެމަނަފުއްޓަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ އިމްޝާ ޢަބްދުއްލަތީފް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީން ކޯހުގެ 41 ވަނަ ބެޗުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު ހާސިލުކޮށް، ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މިހާތަނަށް ހިންގި 40 ބެޗުގައިވެސް އެންމެ މޮޅު ދަރިވަރުގެ މަޤާމު ހާސިލުކޮށްފައިވަނީ ފިރިހެން އޮފިސަރުންނަށް ކަމުގައިވާއިރު، އިމްޝާ ވަނީ މި މަޤާމު ހޯދި ފުރަތަމަ އަންހެން ފުލުހުގެ ގޮތުގައި ތާރީޚުގައި ނަން ލިޔެވިފައެވެ.
އިމްޝާއަކީ ގދ. ފިޔޯރީ، ޢަބްދުއްލަތީފް މުޙައްމަދާއި ގއ. ގެމަނަފުށި އަމީނާ ޢަބްދުއްރަޙްމާންގެ ހަ ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. އޭނާއަކީ ކިޔަމަންތެރި، މަޑުމައިތިރި އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ޝައުޤުވެރިކަން އަބަދުވެސް ހުރި ކުއްޖެކެވެ. ނަމަވެސް މަންމަގެ އެދުމަށް އޯލެވެލް ނިންމުމަށްފަހު ނަރުހަކަށް ވުމަށް ކިޔަވައި ނަރސިންގެ އެޑްވާންސް ކޯސް ފުރިހަމަކުރިއެވެ.
އުމުރުން 19 އަހަރުގައި ރަޙުމަތްތެރިއެއްގެ ޚިޔާލަކާ އެކު އިމްޝާގެ ޤައުމީ ޚިދުމަތުގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް މަސައްކަތް ފެށިއެވެ. މަންމަގެ ރުހުން ހޯދައި، އެމްއެންޑީއެފް އަދި ފުލުހުންގެ ޚިދުމަތަށް ކުރިމަތިލުމަށްފަހު، ފުލުހުންގެ ޚިދުމަތާ ގުޅުމަށް ނިންމިއެވެ. މި އަހަރުގެ ކުރީކޮޅު ޒަވާޖީ ޙަޔާތެއް ފެށި އިމްޝާއަށް، ފުލުހުންގެ ޚިދުމަތުގައި ކުރިއަށް ދިއުމަށް ފިރިމީހާއާއި އާއިލާގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެއެވެ.
41 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމުގައި އިމްޝާ ބައިވެރިވީ ސްކުއަޑްގެ އެންމެ މޮޅު ދަރިވަރަށް ވުމުގެ އަޒުމާއެކުގައެވެ. އޭނާގެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކޮމްޕެނީ ލީޑަރުކަން ލިބި، މުޅި ބެޗުގެ އެންމެ މޮޅު ދަރިވަރަށް ހޮވުނެވެ. އިމްޝާ ބުނިގޮތުގައި މުޅި ބެޗުގެ އެންމެ މޮޅު ދަރިވަރަށް ވާނެކަމަށް ކުރިން އުއްމީދެއް ނުކުރެއެވެ، ނަމަވެސް ސްކުއަޑްގެ ލީޑަރުގެ ޚިޔާލަށްފަހު އެކަން ހާސިލު ކުރަން މަސައްކަތް ފެށީއެވެ.
އިމްޝާއަކީ ކުޑައިރުއްސުރެ ކިޔެވުމަށް ޝައުޤުވެރިކަން ހުރި ދަރިވަރެކެވެ. އޭނާ ވަނީ އޯލެވެލްގައި ސްކޫލުން ދެވަނައަށް އެންމެ މޮޅު ދަރިވަރުގެ މަޤާމު ހާސިލުކޮށްފައެވެ. އަދި 2019 ވަނަ އަހަރުގެ އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތުގައި 200 މީޓަރު ދުވުމުން ދެވަނަ، 100 މީޓަރު ދުވުމުން ތިންވަނަ އަދި ޖެވެލިން ތްރޯއިންއިން އެއްވަނަ ހާސިލުކޮށް އެތުލެޓިކްސްގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެއެވެ.
އިމްޝާ ޤަބޫލުކުރާ ގޮތުގައި މިފަދަ ކާމިޔާބީއަކަށް ބޭނުންވަނީ ނުގުޑާނެ ފަދަ ހިތްވަރަކާއި އަޒުމެކެވެ. އޭނާ އެންމެ އުފާވަނީ މަންމަ ފަޚުރުވެރިވާނެ ފަދަ ވަނައެއް ލިބުމުންނެވެ. އިމްޝާ ބުނީ ފުލުހުންގެ ޚިދުމަތުގައި އަންހެނަކަށް ވުމަކީ ފުރުސަތުތައް ހަނިވާންޖެހޭ ސަބަބެއް ނޫން ކަމަށާއި، އަޚުލާޤު ހިފަހައްޓައި، ވަރުގަދަ އަޒުމަކާއެކު ކުރިއަށް ގޮސްފިނަމަ މިފަދަ ކާމިޔާބީ ހާސިލުކުރުމަކީ ކޮންމެ އަންހެން ދަރިއަކަށްވެސް ކުރެވޭނެ ކަމެއް ކަމަށެވެ.
ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 185 ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުގެ މަޤާމު ހާސިލުކުރުމަކީ ޤައުމީ ޚިދުމަތުގައި އިމްޝާގެ ފުރަތަމަ ފިޔަވަޅެވެ. އޭނާގެ އުއްމީދަކީ ކްރިމިނަލް އިންވެސްޓިގޭޝަންގެ ދާއިރާއިން އެންމެ މަތީ ފެންވަރަށް ކިޔަވައިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ އިސް މަޤާމާ ހަމައަށް ދިއުމެވެ. އިމްޝާ ވަނީ ފުލުހުންގެ ހުވައާ އެއްގޮތަށް ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ނަޒާހަތްތެރިކަމާއެކު، ސާބިތުކަންމަތީ ދެމިހުންނާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

