މި ވީޑިއޯ ގެ ޔޫޓިއުބް ލިންކް
ދިވެހި ތާރީޚުގައި ރަނިކަން ކުރެއްވި މަދު އަންހެނުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭކަނބަލެއް ކަމަށްވާ އައްސުލްތާނާ ޚަދީޖާ ރެހެންދި (ރެހެންދި ޚަދީޖާ) ގެ ވާހަކަ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ކުރު ފިލްމެއްގެ ގޮތުގައި އާންމުކޮށްފިއެވެ. މި މަސައްކަތަކީ މީގެ ކުރިން ވެސް "ރަންނަމާރި"އާއި "އަމީން ދީދީގެ ނިމުން" ފަދަ ދިވެހި ވާހަކަތައް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އަޙްމަދު ދީދީ (އަހައްމައިދީ) ގެ އައު ހަދިޔާއެކެވެ. ރެހެންދި ޚަދީޖާ މަޝްހޫރުވެފައިވަނީ ތަޚުތަށްޓަކައި ދެ ފިރިކަލުން ގަތުލުކުރެއްވި ނުފޫޒުގަދަ ރަނިކަނބަލެއްގެ ގޮތުގައި ތާރީޚު ލިޔެވިފައިވާތީއެވެ.
ގާތްގަނޑަކަށް 21 މިނެޓުގެ މި އޭއައި ފިލްމުގައި، ރެހެންދި ޚަދީޖާގެ ވާހަކަ ގެނެސްދީފައިވަނީ ބަލާ މީހުން ޝައުގުވެރިކުރުވާނެ އަދި އަސްލު ނުގެއްލޭނޭ ފަދަ އިބުރަތްތެރި ގޮތަކަށެވެ. މި މަސައްކަތުގެ އެންމެ ފުރިހަމަ ސިފައަކީ ރެހެންދި ޚަދީޖާގެ ވާހަކަ ދިރާސާކުރުމުގައި ދީދީ ބަލާފައިވާ ފުރިހަމަކަމާއި، ތާރީޚީ ވާހަކަ ދިރުވައިގެން ގެނެސްދީފައިވާ ގޮތެވެ. ދިވެހި ތާރީޚުގެ ފާހަގަކޮށްލެވޭ ވާހަކަތައް ދީދީގެ އޭއައިގެ ވަސީލަތް ބޭނުންކޮށްގެން ހުށަހަޅައިދިނުމުގެ ސަބަބުން، ދިވެހި ތާރީޚާ ބެހޭ މައުލޫމާތު ކުރިމަގުގެ ޖީލުތަކަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
މި ކުރު ފިލްމުގައި އިބްނު ބަތޫތާ ލިޔުއްވާފައިވާ ރެހެންދި ޚަދީޖާއާ ބެހޭ މައުލޫމާތުތައް ވެސް ހިމަނާފައިވެއެވެ. ތާރީޚު ބުނާ ގޮތުން، ރެހެންދި ޚަދީޖާގެ ފުރަތަމަ ފިރިކަލުން މުޙައްމަދު ޖަމީލް އަވަހާރަވީ 1344 ވަނަ އަހަރު، ރަނިކަން ކުރައްވާތާ ހަތަރުވަނަ އަހަރުގެ ތެރޭގައި ޒަހަރު ދީގެންނެވެ. އޭގެ ފަހުން 1345 ވަނަ އަހަރު، ރަނިކަމަށް ވެރިވެވަޑައިގަތުމަށްފަހު، އެކަމަނާ ކައިވެނި ބައްލަވައިގަތީ ގަނޑުކޮޅުގައި މަސައްކަތްކުރެއްވި އަބްދުﷲ ވަޒީރާއެވެ. އަބްދުﷲ ވަޒީރު ވެސް ތަޚުތަށް ވެރިވެވަޑައިގަތުމަށްފަހު ދެ އަހަރުގެ ތެރޭގައި އަވަހާރަވިއެވެ.
ތިންވަނަ ފަހަރަށް ރަނިކަމަށް ވެރިވެވަޑައިގަތުމާއެކު ރެހެންދި ޚަދީޖާ ވެގެންދިޔައީ ރައްޔިތުން ބިރުގަންނަ ވަރުގެ ނުފޫޒުގަދަ އަންހެނަކަށެވެ. އެއަށްފަހު އެކަމަނާއާއި ތަޚުތާ ދެމެދު ހުރަހެއް އެޅުމަށް އެއްވެސް މީހަކު މަސައްކަތްކޮށްފައެއް ނުވެއެވެ. ގާތްގަނޑަކަށް 30 އަހަރު ދިވެހި ރާއްޖޭގެ ރަނިކަން ކުރެއްވި ރެހެންދި ޚަދީޖާ ވެގެންދިޔައީ ރައްޔިތުންގެ މެދުގައި ނަމޫނާ ލީޑަރަކަށެވެ.

