އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "އެސްޓީއޯ ރަމަޒާން ބާޒާރު" ޕްރޮމޯޝަން ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ބޮޑު އިނާމަކަށް ވަނީ 100،000 ރުފިޔާ (އެއް ލައްކަ ރުފިޔާ) ގެ ފައިސާގެ އިނާމެކެވެ.
މި ޕްރޮމޯޝަން ރަސްމީކޮށް ފެށީ މިރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޗެއަރމަން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ.
މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ. ކޮންމެ ހަފްތާއެއްގެ ކޫޕަންތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ވަރަށް ޚާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެއެވެ. އަދި ޕްރޮމޯޝަން ނިމުމާއިއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.
މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލޭ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނެ މުއްދަތަކީ 2026 މާރިޗު 18 ގެ ނިޔަލަށެވެ.
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ވިދާޅުވީ، މި ޕްރޮމޯޝަނަކީ ރޯދަމަހަށް ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ބައްލަވައިގަތުމަށް ލިބޭ އަގުހުރި ފުރުސަތެއްކަމަށާއި، މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

