ނ. ވެލިދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 80 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ. މި މަޝްރޫއަކީ ވެލިދޫގެ އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ސިނާއީ ސަރަހައްދެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދަނީ މި މަސައްކަތުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ޖިއޯ ބޭގް ރިވެޓްމަންޓް ހެދުމުގެ މަސައްކަތެވެ. ވެލިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން، ރަށުގެ ހުޅަނގު ދެކުނު ފަރާތުން ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި ސަރަހައްދު ތަރައްގީކުރަނީ އޮޑިދޯނިފަހަރު ބޭލުމާއި ފައިބަރު މަސައްކަތް ކުރުމަށް ފަހިވާނެ ގޮތަކަށެވެ. ބިން ހިއްކުމަށްފަހު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެއެވެ.
ވެލިދޫ ސިނާއީ ސަރަހައްދުގެ ބިންހިއްކުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލެމުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މަސައްކަތް ނިމުމުން ވެލިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިތަކަށް ހައްލެއް ލިބި، އިގްތިސާދީ ހަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

