މި ވުޒާރާއާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި، ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަމާއެކު އެކައުންޑަބިލިޓީ އެންޑް އިންޓެގްރިޓީ މެޓަރސ ޕްރޮޖެކްޓް (އެއިމް) މެދުވެރިކޮށް ޖުޑީޝަރީ ސެންސިޓައިޒޭޝަން ޓްރޭނިން އޮން ޑޮމެސްޓިކް ވައިލެންސް އެންޑް ސެކްޝުއަލް އޮފެންސްގެ 2 ވަނަ ބެޗް ފަށައިފިއެވެ.
މި މަހުގެ 14 އިން 18 ވަނަ ދުވަހަށް ކުރިއަށްދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ ޖެންޑަރ ބެސްޓް ވައިލެންސް (ޖީބީވީ)އާއި ގެވެށި އަނިޔާ (ޑީވީ) އާއި ޖިންސީ ކުށްތަކާ ދެކޮޅަށްކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާއި، އަދި ކަމާގުޅުންހުރި ގާނޫނުތަކާއި ގާނޫނީ އިޖްރާއަތުތަކަށް މެޖިސްޓްރޭޓުން އަހުލުވެރިކުރުމެވެ.
އެގޮތުން، މި ޕްރޮގްރާމުގައި ބައިވެރިންނަށް ޖެންޑަރ ކޮންސްޓްރަކްޝަން އެންޑް ޑައިގްނޯސިސް، ވެލިއު ކްލެރިފިކޭޝަން، ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަމުގެ ތަފާސްހިސާބުތަކާއި، އިންސާފު ހޯދުމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ގެވެށި އަނިޔާގެ ގާނޫނާއި ޖިންސީ ކުށްތަކުގެ ގާނޫނުގެ އިތުރުން، ޝަރީއަތުގެ ކުރީގެ މަރުހަލާތަށް، ޝަރުއީ މަޖުލީހުގައި އަމަލުތައް ބައްޓަންކުރަންވީގާއި، ހުކުމްކުރުމުގައި ވިސްނަންވީކަންކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވިގެންދާނެއެވެ.
ހަމައެހެންމެ، ހެއްކާގުޅޭ މައްސަލަތަކާއި، ތަފާތު ވައްތަރުތަކުގެ ހެކިތަކާއި، އެކަމާ ގުޅުންހުރި ނަޒަރިއްޔާތުތަކާއި، ޖެންޑަރ ބޭސް ވަޔަލެންސާ ޑޮމެސްޓިކް ވަޔަލެންސާ ރިސްކް އެސެސްމަންޓްތަކާއި، ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނުގެދަށުން އެކުލަވައިލެވިފައިވާ ޖުޑިޝަލް ރެގިއުލޭޝަން ގެ އިތުރުން، މެޖިސްޓްރޭޓް ކޯޓުގައި ގަވާއިދު އެޑޮޕްޓްކުރުމަށް އެކްޝަން ޕްލޭން އެކުލަވައިލުން ވެސް މި ޕްރޮގްރާމްތެރޭގައި ހިމެނިގެންދާނެއެވެ.
5 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ތަމްރީނުގައި މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން 31 މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގަންނަވައެވެ.

