ޤަވާއިދާއި ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އިޤްތިޞާދީ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ވަނީ ހާމަކުރައްވައިފިއެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލުކުރުމަށްޓަކައި، އެކުލަވާލެވުނު ޚާއްޞަ ޓާސްކްފޯހެއްގެ މަސައްކަތުގެ ދަށުން މި ފިޔަވަޅުތައް އަޅަމުންދަނީ.
ބިދޭސީންގެ ޤަވާއިދާ ޚިލާފު ވިޔަފާރިތައް ހުއްޓުވުމަށް އެކުލަވާލާފައިވާ ޓާސްކްފޯހުގެ ނަމަކީ “ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް” އެވެ. މި ޓާސްކްފޯހުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ، ދިވެހި ފުލުހުންގެ ޚިދުމަތް އަދި މޯލްޑިވްސް އިމިގްރޭޝަން ހިމެނެއެވެ. މި ޓާސްކްފޯހުން ދަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ކަމަށް ބެލެވޭ ވިޔަފާރިތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިޤްތިޞާދީ ވުޒާރާއިން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 29 އިން މިމަހުގެ 15 އާއި ހަމައަށް ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ވިޔަފާރިތަކާއި ގުޅޭ 252 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި 98 ވިޔަފާރިއެއް ބަލައި ފާސްކުރެވިފައިވާ އިރު، އޭގެ ތެރެއިން 37 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ. ބަންދުކުރެވުނު ވިޔަފާރިތަކުގެ ތެރެއިން 25 ވިޔަފާރިއަކީ ސީދާ އިޤްތިޞާދީ ވުޒާރާއާއި ގުޅޭ ޤާނޫނުތަކާއި ޚިލާފުވެގެން ބަންދުކުރި ވިޔަފާރިތަކެވެ. އަދި 12 ވިޔަފާރިއެއް ބަންދުކޮށްފައިވަނީ އެހެނިހެން ޤާނޫނުތަކާއި ޚިލާފުވުމުގެ ސަބަބުންނެވެ.
ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ޤަވާއިދާއި ޚިލާފަށް ހިންގި ވިޔަފާރިތަކުގެ ތެރެއިން ޤަވާއިދާއި އެއްގޮތަށް ކަންކަން އިސްލާޙު ކުރުމުން 08 ވިޔަފާރިއެއް އަލުން ހުޅުވުމަށް މިހާރު ހުއްދަ ދީފައިވެއެވެ. އިޤްތިޞާދީ ވުޒާރާއިން ވަނީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަތުމަށް ތަހުޤީޤީ އިދާރާތަކާއިއެކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ވިޔަފާރިތައް ދެނެގަނެ ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތުގައި، ރިޕޯޓު ކުރުމުގައި ފުރިހަމަ އަދި ސައްޚަ މައުލޫމާތު ފޯރުކޮށްދިނުމަށް އާންމުންގެ ކިބައިން ވަނީ އެދިފައެވެ. މިކަމުގައި މިހާތަނަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރިޕޯޓް ކުރުމަށް އެ ވުޒާރާގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ނުވަތަ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި ރޭގަނޑު 8:00 އާ ދެމެދު އެވުޒާރާގެ ހޮޓްލައިން ނަންބަރު 3333199 އަށް ގުޅުއްވައިގެންވެސް ރިޕޯޓް ކުރެވޭނެއެވެ. މީގެ އިތުރުން މައްސަލަތައް އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

