ވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، އެ ބޭންކުގެ މަތީ މަގާމުތަކަށް ބޮޑު މުސާރައަކާ އެކު މީހުން ހޯދުމަށް އިއުލާންކޮށްފިއެވެ. މެނޭޖަރު ލެވެލްގެ ޖުމްލަ 13 މަގާމަކަށް މީހުން ހޯދުމަށް ހުޅުވާލާފައިވާއިރު، މި މަގާމުތަކުގެ މުސާރަ އުޅެނީ 20،000ރ. އާއި 45،000ރ. އާ ދެމެދުގައެވެ.
ޑީބީއެމް އިން ވަކިވަކިން ކުރި އިއުލާންތަކުގައި ހިމެނޭ މުހިންމު މަގާމުތަކުގެ ތެރޭގައި މާކެޓިން އެގްޒެކެޓިވްއަކާއި، ތިން ފައިނޭންސް މެނޭޖަރުންނާއި، ދެ ކޮމްޕްލަޔަންސް މެނޭޖަރުންނާއި، ދެ ފްރޮންޓް އޮފީސް އެގްޒެކެޓިވުން ހިމެނެއެވެ. މީގެ އިތުރުން ބޭންކުގެ އޮޕަރޭޝަންތަކަށް މުހިންމު އައިޓީ މެނޭޖަރަކާއި، އެޗްއާރު އެންޑް އެޑްމިން މެނޭޖަރަކާއި، ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި، ލީގަލް މެނޭޖަރެއް އަދި އިންޓާނަލް އޮޑިޓް މެނޭޖަރެއްވެސް ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00 އެވެ.
މި ބޭންކުގެ އަމަލީ މަސައްކަތް ނުފެށި އޮތް ނަމަވެސް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިދިޔަ އޮކްޓޫބަރު މަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ޑިވެލޮޕްމެންޓް ބޭންކް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގައެވެ.
ޑީބީއެމް އުފެއްދުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުން ހިމެނެއެވެ. އަދި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުންވެސް ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމަށް ވެސް މި ބޭންކުން މަސައްކަތްކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

