މާލޭގައި ގަވާއިދާ ހިލާފަށް ހިންގަމުން ދިޔަ ޖުމްލަ 52 މަސާޖު ޕާލާ މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ މާލޭ ގަލޮޅު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ. ގަވާއިދާ ހިލާފު ވިޔަފާރިތަކާ ދެކޮޅަށް ސަރުކާރުން ފެށި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން މި ކާމިޔާބު ހޯދިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މިފަދަ ތަންތަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުންނާއި އިމިގްރޭޝަނުން ކުރަމުން އަންނަ ނަމަވެސް، ރައްޔިތުންގެ ބައްދަލުވުންތަކުގައި މިކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާތީ ސަރުކާރުން މިކަމަށް އިތުރު އަހަންމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން، މިކަމާ ގުޅޭ އިދާރާތައް އެއްކޮށް، އިތުރު ވަސީލަތްތައް ބޭނުންކޮށްގެން ހާއްސަ އޮޕަރޭޝަނެއް މިމަހުގެ 9 ވަނަ ދުވަހު ފަށާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރެވުނު މަސައްކަތުން ޖުމްލަ 52 މަސާޖް ޕާލާއެއް ބަންދުކުރެވުނު އިރު، އޭގެ ތެރެއިން 24 ތަނަކީ އޮޕަރޭޝަނުގެ ތެރެއިން ބަލައި ފާސްކޮށް ބަންދުކުރެވުނު ތަންތަނެވެ. އަދި ބާކީ 28 ތަނަކީ ފުލުހުންނާއި އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދާތީ އަމިއްލައަށް ހުއްޓާލައި، ވިޔަފާރި ބަންދުކޮށްފައިވާ ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ ހިޔާލަށް އިޖާބަދީގެން، މި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މަސައްކަތް ފެށުމުން ނަތީޖާ ރަނގަޅު ކަމަށާއި، މިކަން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ގަވާއިދާ ހިލާފަށް ތިބޭ ބިދޭސީން ހައްޔަރުކޮށް، އެމީހުން ޑިޕޯޓް ކުރުމުގެ މަސައްކަތް ނުވަތަ އެފަދަ އެހެން ފިޔަވަޅުތައް ވެސް އަޅަމުން އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަސައްކަތުގެ އަޒުމް ވަރުގަދަކަން ހާމަކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

