ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ކުރިން 1 ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތަކަށްވެސް މީގެފަހުން ހައުސިންގ ސްކީމްތަކަށް ކުރިމަތިލެވޭގޮތަށް ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ބަދަލުގެ ސަބަބުން ކުރީގެ ހައުސިންގ ސްކީމްތަކުން އެއް ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތްތަކަށް ދިމާވެފައިވާ ބޮޑު ކަންބޮޑުވުމަކަށް ހައްލެއް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވީ، މީގެކުރީގެ ހައުސިންގ ސްކީމަކުން، 1 ކޮޓަރީގެ އެޕާޓަމަންޓް ލިބިފައިވާ ފަރާތެއް ނަމަ މިހާރު އޮންނަ ގޮތުން އިތުރު ސްކީމަކަށް ކުރިމަތި ނުލެވޭ ކަމަށާއި، މިކަން ބަދަލުކުރުމަށް ގިނަ ބަޔަކު އެދެމުންދިޔަ ކަމަށެވެ. އެގޮތުން، އާއިލާގެ މެމްބަރުން އިތުރުވެ، އެއް ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅެން ދަތިވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ ހުށަހެޅުންތަކަށް ބެލުމަށްފަހު މިހާރު އެކަން ބަދަލުކުރައްވާފައިވާ ކަމަށެވެ. “3 ކޮޓަރި ފްލެޓަށް ދެވޭގޮތަށް އެ އުސޫލު އެވަނީ މިގޮތަށް ބޭއްވުނު ބައްދަލުވުން ތަކުގެ ތެރެއިން ރައްޔިތުން ހުށަހެޅި ޚިޔާލު ބަލައިގަނެވި އެބަދަލު ގެނެސްދީފައި. އެއްކޮޓަރީގެ ފްލެޓު ލިބިގެން ތަންކޮޅެއް ކުރީ ޒަމާނެއްގައި ފްލެޓު ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ. ކުރިމަތިލައި ހޮވިއްޖިއްޔާ އެތަން ދޫކޮށްލާފައި ލިބޭ ތަނަށް ދެވޭ ގޮތަށް އެވަނީ އުސޫލަށް އިސްލާހު ގެނެވިފައި.”
ބޯހިޔާވަހިކަމަކީ މުޅި ރާއްޖެއަށް ބަލާއިރުވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މިކަމަށް ޙައްލު ގެނައުމަށް ސަރުކާރުން އަތޮޅުތަކާއި މާލެ ސަރަޙައްދުގައި ގިނަ މަޝްރޫޢުތަކެއް ހިންގުމަށްދަނީ މަސައްކަތްކުރަމުންނެވެ. “ބޯހިޔާވަހިކަން އެންމެންނަށް” މި ސިޔާސަތުގެ ދަށުން މިހާރުވަނީ މާލެ ސަރަޙައްދުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. މި ސްކީމްގައި 15000 ގޯއްޗާއި 7500 ފްލެޓް ދޫކުރުމަށް ވަނީ ނިންމަވާފައެވެ. ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ސްކީމްތަކުން އަގުހެޔޮކޮށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

