ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓްގެ ޑައުންޕޭމަންޓަށްވާ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އަލިއަޅުވާލައްވަމުންނެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިހާރު ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި، މަހު ކުއްޔާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، މިހާރު ދައްކަންޖެހޭ 25000 ރުފިޔާގެ ޑައުންޕޭމަންޓާއި، މަހު ކުއްޔަށް ގެނެވޭނެ އެންމެ ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
“ތި ކަންބޮޑުވުންތަކަށް އެޑްރެސްކުރުމަށްޓަކައި އެންމެ ރަނގަޅު ހައްލެއް ގެނެސްދޭނަން. ހުޅުމާލެ ތިނެއް ހިއްކާ ނިމެނޭ. ލޭންޑް ޔޫސް ޕްލޭންގެ ވެސް މަސައްކަތް ދާނީ ކުރަމުން.” ރައީސް ވިދާޅުވިއެވެ.
4000 ފްލެޓް ދިނުމުގައި، ކުރީ ސަރުކާރުން ނިންމި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، ފްލެޓް ލިބުނު މީހުންނަށް އެއްވެސް ޕޮއިންޓެއް ބަދަލުކޮށްފައި ނުވާނެކަމުގެ ޔަޤީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި މަސައްކަތްތައް މިހާރު ނިމުމާ ގާތްވެފައިވާ ކަމަށާއި، މިހާރު ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިމަހުގެ ތެރޭގައި އެތަންތަނަށް ވަދެވޭވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000 ރުފިޔާގެ ޑިޕޮސިޓް ދައްކަންޖެހެއެވެ. ނަމަވެސް، ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން، ގަވާއިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން ފުރަތަމަވެސް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި މައިމުޅަވެފައި ތިބި މީހުންނަށް ޚާއްސަ ކެޓަގަރީއެއް ހިމެނޭނެ ކަމަށާއި، މިއީ މީގެ ކުރީ އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް މައިމުޅަވެފައި ތިބި މީހުންނަށް ޚާއްސަކޮށްފައި ނުވާ ކަމެއް ކަމަށެވެ.

