ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ދައުވަތަކަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ސަރްދާރް އަޔާޒް ޞާދިޤް، ރާއްޖެއަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ސަރްދާރް އަޔާޒް ޞާދިޤަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މި ދަތުރުފުޅަކީ ޢަބްދުއްރަޙީމް ޢަބްދުﷲގެ ދަޢުވަތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށް މަޖިލީހުން މަޢުލޫމާތު ދެއެވެ.
މި ދަތުރުފުޅުގެ ތެރޭގައި ޕާކިސްތާނުގެ މަޖިލީހުގެ ރައީސް ވަނީ ރާއްޖޭގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާ ބައްދަލުކުރައްވާނެއެވެ. އަދި މޯލްޑިވްސް-ޕާކިސްތާން ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދާރުލްއާސާރާއި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲވެސް ވަނީ ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެގޮތުން، ޕާކިސްތާނުގައި ކުރިއަށްދިޔަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ ރައީސް ވަނީ ތަޤުރީރުކުރައްވާފައެވެ. މި ދެ ދަތުރުފުޅަކީވެސް ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ގުޅުން ބަދަހިކުރުމަށް މުހިންމު ދަތުރުފުޅުތަކެކެވެ.

