ރާއްޖޭގެ ފިލްމީ ދައިރާގައި އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ފިލްމީ އުފެއްދުންތައް ނެރެމުން، ބެލުންތެރިންގެ މަޤުބުލުކަން ހޯދާފައިވާ ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމެންޓުން މި މަހު 1 ވަނަ ދުވަހުގެ ރޭ ޕްރިމިއަރ ކޮށް އޮލިމްޕަސް ސިނަމާގައި އަޅުވަމުންދާ އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ މި ހަފްތާ ބަންދުގައިވެސް ގިނަ ޝޯތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެއްކުމަށް ތާވަލު ކޮށްފައިވާ ކަމަށް އެ ފިލްމް ސްކްރީން ކުރާ އައިލެންޑް ސިނަމާއިން ބުނެފިއެވެ.
މިވަގުތު ރާއްޖޭގެ ޒުވާން ބަޠަލުންގެ ތެރެއިން އެންމެ މަޤުބޫލުވަމުން އަންނަ ޝަރަފް ޢަބްދުﷲ އަދި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މަރިޔަމް މަޖުދާ އެކުގައި ފެނިގެންދާ ”އަލްވަދާޢު“ ނިމިދިޔަ ހަފްތާ ބަންދުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުވަމުން އަންނަ އިރު މިހަފްތާ ބަންދުގައި އެކަނިވެސް 24 ޝޯ ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގައި އާއި ރިސޯޓް ތަކުގައި ދައްކާނެ ކަމަށް އައިލެންޑް ސިނަމާ އިން ބުންޏެވެ.
“އަލްވަދާޢު”ގެ ރާއްޖޭގެ އެކި ހިސާބުތަކުގައި މިދިޔަ ހަފްތާ ބަންދުން ފެށިގެން ދައްކަމުންދާއިރު، ކޮންމެ ރެއަކުވެސް ރާއްޖޭގެ ކޮންމެވެސް ރަށެއްގައި ފިލްމް ސްކްރީން ކުރަމުން މިދަނީ. ހަފްތާ ބަންދާއި ދިމާކޮށް ގިނާ ޝޯތަކެއް ދެއްކުމަށް މިހާރުވެސް ވާނީ ތާވަލު ކޮށްފައި” އައިލެންޑް ސިނަމާއިން ބުންޏެވެ.
މި ފިލްމްގެ ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އިން ބުނި ގޮތުގައި، އޮލިމްޕަހުގައިވެސް މި ފިލްމްގެ ތަރުޙީބު ވަރަށްވެސް ރަނގަޅެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުން ފިލްމަށް ލިބެމުންދާ ތަރުޙީބަކީ ބޮޑު ކާމިޔާބީއެއްކަމަށްވެސް ޑާކްރެއިންއިން ވަނީ ބުނެފައެވެ.
ބެލުންތެރިންގެ ތަރުޙީބު ބޮޑު މިފިލްމަށް ގިނަ ބައެއްގެ ތަޢުރީފް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާއިރު،
އައިލެންޑް ސިނަމާ އިން އިތުރަށް ބުނެފައިވަނީ، ޑާކްރެއިންގެ މި ފިލްމް ވީހާވެސް ގިނަ ރަށްރަށުގައި އާއި ރިސޯޓް ތަކުގައި އެޅުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ރިސޯޓް އަދި ރަށްތަކުގައި ފިލްމް ސްކްރީން ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9111164 އަދި 7779621 އަށް ވައިބަރ އިން މެސެޖް ކުރެއްވުމަށް އެދޭކަމަށެވެ.
ފިލްމު ”އަލްވަދާޢު“ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ފިލްމު ޑައިރެކްޝަނުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.
އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.

