ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވައިފިއެވެ. މިކަން ތަންފީޒުކުރުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މިކަން ބުދަ ދުވަހުގެ ރެއިން ފެށިގެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުން ބެލުމަށް ވަނީ އަންގަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި އުޅެމުންދާ ބައެއް ބިދޭސީން ރޭގަނޑުގެ ދަންވަރު ވަގުތުގައި ރަށުތެރޭގެ ޢާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފަށް އުޅެމުންދާކަމުގެ ކަންބޮޑުވުން ލިބެމުންދާކަމަށެވެ. އެހެންކަމުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ޖެހުމާއި ހަމައަށް، އާންމު ތަންތަނުގައާއި އަދި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ އެމީހުންނާއި ސުވާލުކޮށް ހެދުމަށް ދިވެހި ފުލުހުންނަށް ވަނީ އަންގަވާފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމީހުންނާއި ސުވާލުކުރާއިރު ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު ކަމެއް ފާހަގަވާނަމަ އެކަމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެފިޔަވަޅެއް އެޅުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށެވެ. މިކަމަށް ބާރުއެޅުއްވީ، ރައީސުލްޖުމްހޫރިއްޔާ ގަލޮޅުގެ ރައްޔިތުންނާއެކު އަންގާރަ ދުވަހުގެ ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.
އެ ބައްދަލުވުމުގައި ރައްޔިތުން ވަނީ މާލޭގެ އެކި ހިސާބުތަކުން ރޭގަނޑުގެ ގަޑިތަކުގައި ބިދޭސީން އެއްވެ އުޅޭތަން ފެންނަކަމަށާއި އަދި އާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު ބައެއް ކަންކަން ހިންގަމުންދާކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އަދި އެހެން ޤައުމުތަކުގައި ވެސް ވަކި ގަޑިތަކެއްގެ ފަހުން ބޭރުގައި އުޅޭނަމަ އެޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން އެކަންކަން ބަލާކަންވެސް ރައްޔިތުން ފާހަގަކުރިއެވެ.
ރައްޔިތުން ހުށައެޅި ޚިޔާލުތަކާއި ކަންބޮޑުވުން އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާވަނީ މުޖުތަމަޢުގެ ހަމަޖެހުމާއި އާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު އެފަދަ ކަންކަން ބިދޭސީންގެ ފަރާތުން ހިނގާތޯ ބެލުމަށާއި އަދި ވަކި ގަޑިއެއްގެ ފަހުން ބޭރުގައި އުޅޭ ބިދޭސީންނާއި ސުވާލުކޮށް އެކަންކަން ބެލުމަށް ކަމާބެހޭ މުވައްސަސާތަކަށް އަންގަވާފައެވެ. ސަރުކާރުން ވިދާޅުވަނީ ރައްޔިތުންނާއެކު ބާއްވަވާ އެކި ބައްދަލުވުންތަކުގައި ރައްޔިތުން ފާޅުކުރާ ކަންބޮޑުވުންތަކާއި ޚިޔާލުތަކަކީ ސަރުކާރުން ބަލައިގަންނަ އަދި އިޖާބަދެއްވާނެ ކަމެއްކަމަށެވެ. އަދި އެފަދަ ޚިޔާލުތަކަކީ ޤައުމު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުވެގެންދާކަމެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

