ހުނަރުތައް ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ އިސްތިރާޖުތައް ކާމިޔާބުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް މަތީ ތަޢުލީމާއިމަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 21 ވަނަ ޤަރުނުގެ ހުނަރުތައް ތަރައްޤީކުރުމަށްޓަކައި ކަނޑައަޅާފައިވާ އިސްތިރާޖުތައް ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
21 ވަނަ ޤަރުނުގެ ހުނަރުތައް ތަރައްޤީކުރުމަށްޓަކައި ކަނޑައަޅާފައިވާ އިސްތިރާޖުތައް އިފްތިތާޙްކޮށް ދެއްވާފައިވަނީ، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. މި އިސްތިރާޖުގެ އެންމެ ބޮޑު ބޭނުމަކީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ކުރިއަށްގެންދެވޭ ކޮންމެ ޕްރޮގްރާމެއްގެ ތެރެއިންވެސް، މަސައްކަތުގެ މާހައުލަށް ދަރިވަރުން ނިކުންނައިރު ކޮންމެހެން ބޭނުންވާ ހުނަރުތައް އެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދިއުމެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި އިސްތިރާޖުތައް ކަނޑައަޅައި، އިފްތިތާޙްކުރުމުގެ މަސައްކަތަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރަމުން އަންނަ މަސައްކަތެކެވެ. މިގޮތުން، ރާއްޖޭގެ މަސައްކަތުގެ މާހައުލަށް ބޭނުންވާނެ ހުނަރުތައް ތަންފީޒުކޮށް ކުރިއަށްގެންދެވޭނެ ކަންތައްތައް ކަނޑައަޅައި، ކަރިކިއުލަމްގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދިއުމަށް މި އިސްތިރާޖުގެ ތެރެއިން ވަނީ ހަމަޖެހިފައެވެ. އަދި އެކި ކަހަލަ ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެވޭއިރު، މަސައްކަތުގެ މާހައުލަށް ކޮންމެހެން ބޭނުންވާނެ މުހިންމު ހުނަރުތައް ހިމަނައިގެން ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، ހުނަރުތައް ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ އިސްތިރާޖުތައް ކާމިޔާބުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ. ވަޒީރު އިޝާރާތްކުރެއްވި ގޮތުގައި ތަޢުލީމަކީ ހަމައެކަނި ޢިލްމާއި ގުޅޭ އެއްޗެއް ނޫނެވެ.
“އެއީ އެކި ކަހަލަ މަސައްކަތްތައް ކުރާއިރު ކުރިމަތިވާ ހާލަތްތަކުގައި ލިިބިފައިވާ ހުނަރެއްގެ ބޭނުން ހިފައި، އެ މައްސަލައެއް ހައްލުކުރަން އެނގުން. މިއަދު އިފްތިތާހްކުރެވިގެންމިދިޔަ ސްޓްރެޓެޖީ ކާމިޔާބު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ.” ވަޒީރު ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.
މި އިސްތިރާޖުތަކުގެ ދަށުން، ތަޢުލީމީ ދާއިރާގައި ހިމެނޭ ހުރިހާ ޕްރޮގްރާމެއްގެ މައިގަނޑު މަޤްޞަދަކަށް ވާނީ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ ޢަމަލީ ހުނަރުތަކާއި، މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން އިތުރުކުރުމެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ބާޒާރަށް ޤާބިލު، ހުނަރުވެރި ޒުވާނުން ނެރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.

