ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ސަރުދާރު ޢަޔާޒް ޞާދިޤާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކުރުމާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދިވެހި ރާއްޖެއާއި ޕާކިސްތާނުގެ ޒަމާންވީ، ބަދަހި ގުޅުމަށް މަރުޙަބާ ވިދާޅުވެ، އެ ގުޅުން ކުރިއަށް އޮތްތަނުގައިވެސް، އެގޮތުގައި ދެމެހެއްޓުމަށް ޕާކިސްތާނުން ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވާފައެވެ. ދެ ބޭފުޅުންގެ ވާހަކަފުޅުގައި، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި، އެ ބަދަލުތަކުން ވިލުންތެރި ކަމާއެކު، ދެ ޤައުމަށް ފައިދާ ކުރަނިވި ގޮތެއްގައި، ރައްކާތެރިވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރަށް، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވިދާނެ އިތުރު ދާއިރާތަކުގެ ތެރެއިން ފަތުރުވެރިކަމާއި، މަތީ ތަޢުލީމުގެ ދާއިރާއަށްވެސް ބައްލަވާލެއްވިއެވެ. މި ދާއިރާތަކުން އެއްބާރުލުން ދިނުމަކީ، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާ ކުރަނިވި ކަމެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެއް ޤައުމުން އަނެއް ޤައުމަށް ފައިދާހުރި ކަންކަމުގައި، އެހީތެރިވެ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިއީ ދެކުނު އޭޝިޔާގެ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.

