އަތޮޅުތެރޭގެ 57 ރަށެއްގައި ޖުމްލަ 4،100 ހައުސިން ޔުނިޓް އެޅުމަށްޓަކައި، ކޮންސްޓްރަކްޝަން މިނިސްޓްރީން މީގެ ކުރިން ކޮށްފައިވާ ޕްރީކޮލިފިކޭޝަނަށް ހުށަހެޅުމުގެ އިއުލާނު މިއަދު ސަރުކާރުން ބާތިލުކޮށްފިއެވެ.
މި އިއުލާނު ބާތިލުކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ގެޒެޓް ކޮށްފައިވެއެވެ.
މި މަޝްރޫޢުތަކުގެ ޕްރީކޮލިފިކޭޝަނަށް ހުށަހެޅުމުގެ ފުރުސަތު އިއުލާނުކޮށްފައިވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގައެވެ. ނަމަވެސް، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރި އިއުލާނު މިއަދު ބާތިލުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
ބާތިލުކުރި މަޝްރޫޢުތަކުގެ ތެރޭގައި އެކި އަދަދުގެ ހައުސިން ޔުނިޓްތައް ހިމެނޭ ގޮތަށް ޖުމްލަ 16 ރަށެއްގެ މަސައްކަތް ހިމެނެއެވެ. އެގޮތުން، 100 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ސ. ހުޅުދޫ، ނ. ކެނދިކުޅުދޫ، ރ. މަޑުއްވަރީ، ރ. އިނގުރައިދޫ، ބ. ތުޅާދޫ، ޅ. ހިންނަވަރު، އަދި ސ. މަރަދޫފޭދޫ ހިމެނެއެވެ. މީގެ އިތުރުން، އދ. މަހިބަދޫގައި 150 ޔުނިޓް، ހއ. ދިއްދޫ އަދި ހއ. ހޯރަފުށީގައި 200 ޔުނިޓް، މ. މުލީގައި 300 ޔުނިޓް، އަދި ހދ. ހަނިމާދޫ، ރ. އުނގޫފާރު، ދ. ކުޑަހުވަދޫ، އަދި ލ. ގަމުގައި 500 ޔުނިޓްގެ މަސައްކަތް ހިމެނެއެވެ. އެންމެ ގިނަ ޔުނިޓް (550) އެޅުމަށް ހަމަޖެހިފައިވާ މަސައްކަތް ހިމެނެނީ ކ. ތުލުދޫގައެވެ.
މި މަޝްރޫޢުތައް ބާތިލުކުރި ނަމަވެސް، މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ގެދޮރުވެރިކަމާއި ގުޅުން ހުރި މަޝްރޫޢުތަކަށް ވަނީ 1.8 ބިލިއަން ރުފިޔާ ހިމަނާފައެވެ. މި ބާތިލުކުރުމުގެ ސަބަބުން މި މަޝްރޫޢުތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ އިތުރު ތަފްސީލެއް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.

