ފިޔޯރީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ” ފިޔޯރީ ބީފާން ވޮލީ މުބާރާތް 2026″ ގައި ފުވައްމުލަކު ސިޓީގެ ދަނޑިމަގާއި، ފުނާޑު ހިމެނޭހެން ވަރުގަދަ 8 ޓީމް ބައިވެރިވެއްޖެއެވެ.
މުބާރާތުގެ ބައިވެރިވުމުގެ ސުން ގަޑި ހަމަވި އިރު ބައިވެރިވެފައިވަނީ ފިރިހެން ޑިވިޝަންގައި ފިޔޯރީ، ފިޔޯރީ ހަވިއްތަ، ދަނޑިމަގު، ރަތަފަންދޫއެވެ. އަންހެން ޑިވިޝަންގައި ފިޔޯރީ، ފިޔޯރީ ހަވިއްތަ، ފުނާޑު، ރަތަފަންދޫ އެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފުވައްމުލަކު ދަނޑިމަގު ޓީމަކީ ރާއްޖޭގެ ވޮލީގައި ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ވޮލީގެ ތާރީހު އޮތް ޓީމެކެވެ. މީގެ އިތުރުން ރަތަފަންދޫއަކީ ނިމިދިޔަ ގދ އަތޮޅު މުބާރާތުގެ އެއްކޮޅުން ފައިނަލްގައި ކުޅެފައިވާ ޓީމެވެ. ފިޔޯރީ ވޮލީ ޓީމަކީ ހުވަދު އަތޮޅުގެ އެއްނަންބަރު ވޮލީ ޓީމޭ ބުނެވިދާނެއެވެ. ގދ އަތޮޅު ޗެމްޕިއަންކަން ހޯދިއިރު، ގއ އަތޮޅުގައި ބޭއްވުނު ގެމަނަފުށި ކައުންސިލް ވޮލީ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ވެސް ގެމަނަފުއްޓެވެ. ފުވައްމުލަކު ސިޓީގެ ފުނާޑު ވޮލީ ޓީމަކީ ި ފަހަކަށް އައިސް ބޮޑެތި ހުރިހާ ވޮލީ މުބާރާތެއްގައި ބައިވެރިވެ ރަނގަޅު ކުޅުމެއް ދައްކަމުންދާ ޓީމެކެވެ. ގައްދޫ ވަތަބަނޑޭރި ވޮލީ މުބާރާތުގައި ފުނާޑު ޓީމުގެ ކުޅުން ވަނީ ފެނިގެން ގޮސްފައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ފިޔޯރީ އަންހެން ވޮލީ ޓީމަކީވެސް މޮޅު އަދި ވަރުގަދަ ޓީމެކެވެ. ގދ އަތޮޅުގެ އެންމެ ފަހުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ފިޔޯރީ އަންހެން ވޮލީ ޓީމެވެ.
މިމުބާރާތް ރާވައި ހިންގުމާއި އިންތިޒާމް ކުރުމުގެ ހުރިހާ ކަމެެއް ހަވާލުކޮށްފައިވަނީ ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް ( ފޭސް ) އާއިއެވެ. ފޭސް އަކީ މުބާރާތްތަކާއި އިޖްތިމާއީ ހަރަކާތްތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެސޯސިއޭޝަނެކެވެ. އެންމެ ފަހުން ނިމިދިޔަ ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް ހޯސްޓް ކުރީވެސް ފޭސް އިންނެވެ.
މުބާރާތުގެ ފުރަތަމަ މެޗު އަންނަ ޖެނުއަރީ 15 ވަނަ ދުވަހު އަޮންނަ އިރު ހަވީރާއި ރޭގަނޑު މެޗުތައް ކުރިއަށް ދާނެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމްތަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

