ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލްގައި ސީޕްލޭން ޗެކިން ކައުންޓަރުތަކުން ޚިދުމަތް ދިނުމަށް ތައްޔާރުވުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އޮޕަރޭޓަރުން އަހުލުވެރިކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައެވެ. މި މަސައްކަތަކީ އައު ޓާމިނަލްގެ ޒަމާނީ ސީޕްލޭން ކައުންޓަރުތަކުން ރަސްމީކޮށް ޚިދުމަތް ދޭން ފެށުމުގެ ކުރިން ކުރިއަށްގެންދާ މުހިންމު ޓްރަޔަލްތަކެކެވެ.
އެމްއޭސީއެލްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، އައު ޓާމިނަލްގެ ސީޕްލޭން ޗެކިން ކައުންޓަރުތަކުން ޚިދުމަތްދޭން ފެށުމަށްޓަކައި، ދެ އެއަރލައިނެއްގެ އޮޕަރޭޓަރުން އަހުލުވެރިކުރުމަށް ޓްރަޔަލްއެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި މަސައްކަތުގައި ބައިވެރިވެފައިވަނީ ގައުމީ އެއަރލައިން މޯލްޑިވިއަންއާއި ފްލައިމީގެ އޮޕަރޭޓަރުންނެވެ. މި ޓްރަޔަލްތަކުގެ ސަބަބުން އައު ނިޒާމުތަކާއި އުސޫލުތަކަށް އޮޕަރޭޓަރުން އަހުލުވެރިވުމަށް ފަސޭހަވެގެންދާނެއެވެ.
ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮތް ގައުމުކަމަށްވާއިރު، ވީއައިއޭގެ އައު ޓަރމިނަލުގައި ސީޕްލޭންއަށް ޚާއްސަކޮށް 24 ޗެކިން ކައުންޓަރ ވަނީ ޤާއިމް ކުރެވިފައެވެ. މި ކައުންޓަރުތަކުން ޚިދުމަތް ދޭން ފެށުމުން، ސީޕްލޭން ދަތުރުތަކުގެ ޗެކިންގެ ކަންކަން އިތުރަށް ހަލުވިވެ، އެއަރޕޯޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.
ވީއައިއޭގެ އައު އިންޓަރނޭޝަނަލް ޓަރމިނަލް ހުޅުވާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ޒަމާނީ ޓަރމިނަލުން މިހާރުވެސް 33 އެއަރލައިނަކަށް އަންނަނީ ޚިދުމަތްދެމުންނެވެ. އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ތަނެކެވެ. އެގޮތުން ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެއްގެ ގޮތުގައި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވެސް ވަނީ ބަހައްޓާފައެވެ.

