އަންނަ އަހަރުގެ ޖެނުއަރީ މަހުގަ ދުނިޔޭގެ އެންމެ މަގުބޫލު އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލް ރާއްޖެ ގެނައުމުގެ ސެޓަޕް ނިމި، ހިދުމަތް ފަށައިގަނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިކަން ހާމަކުރެއްވީ ކުދި އަދި މެދު ފަންތީގެ ވިޔަފަރިތަކާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ޚިދުމަތް ފެށުމަކީ އޮންލައިންކޮށް ވިޔަފާރި ކުރުމާއި ބައިނަލްއަޤްވާމީ ޕޭމަންޓް ހެދުމަށް ރާއްޖޭގެ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ފުރުޞަތެކެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ކްރިއޭޓިވް އިންޑަސްޓްރީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، އޮންލައިންކޮށް ތަކެތި ވިއްކުމާއި، ޕޭމަންޓް ހެދުމުގެ ފުރުޞަތުތައް ރާއްޖެއަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ޕޭޕަލްއާ އެކީގައި މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ހޯދިފައިވާ ކަމަށް ވިދާޅުވެ، ރައީސް ވަނީ ޖެނުއަރީ މަހަކީ، އެކީގައި އެ ސެޓަޕް ނިމި، ޕޭޕަލްގެ ޚިދުމަތް ފެށިގެންދާނެ މަސް ކަމުގައި ޔަޤީންކުރައްވާފަ އެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރަނީ އުރީދޫ މޯލްޑިވްސް މެދުވެރިކޮށެވެ. މިކަމަށްޓަކައި އުރީދޫ އާއި ޕޭޕަލްއާ ދެމެދު މިދިޔަ އޮކްޓޯބަރު މަހު ރަސްމީ ޕާޓްނާޝިޕެއް ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން، އުރީދޫގެ އެމްފައިސާ އެކައުންޓްތައް މެދުވެރިކޮށް ޕޭޕަލް ވޮލެޓާ ލިންކްކޮށްގެން މި ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ޕޭޕަލް މެދުވެރިކޮށް އިންވާޑް ރެމިޓެންސް (ރާއްޖެއަށް ފައިސާ ގެނައުން) ލިބުމުގެ ހުއްދަ އުރީދޫ ފިންޓެކްއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މިދިޔަ އޮކްޓޯބަރު މަހު ދީފަ އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ މާލީ ދާއިރާއިން ލިބެމުންދާ އެހެން ކުރިއެރުންތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން، ބީއެމްއެލްއިން ތައްޔާރުކުރި، ޕޭޕަލްގެ މޯލްޑިވިއަން ވާޝަންކަމަށްވާ "ސުވައިޕް" ފެސިލިޓީ މިމަހު ބީޓާއަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭރުގެ ނެޓްވޯކްތަކާ ގުޅިގެން އިތުރު ޗާޖަކާ ނުލައި ފައިސާ ވަގުތުން ގެނެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އޮންލައިން ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓާ ގުޅުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

