ރަށުފެންވަރުގައާ ގައުމީ ފެންވަރުގާ މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށްޓަކައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑް 2025 ވަނަ އަހަރު 7 ޖަމިއްޔާއަކަށް ދީފިއެވެ. މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޔޫތު ހަބްގައެވެ.
މިކަމަށްޓަކައި ބޭއްވި ހަފްލާގައި އެވޯޑް ލިބުނު ޖަމިއްޔާތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދުއެވެ. މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުގެ ދާއިރާ އިން ލިބުނީ ވިމެން އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް ތިނަދޫއަށެވެ. އަދި ޚާއްސައެހީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ލިބުނީ ކެއާރ ސޮސައިޓީ އަށެވެ.
ތަޢުލީމީ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ލިބިފައިވަނީ ތުޅާދޫ ސިލްވަރޝައިން ކުލަބް އަށެވެ. ދިވެހިންގެ ޘަގާފަތާއި އާދަކާދަތަކާއި، ތާރީޚީ ތަރިކަ، ދިވެހިބަސް ދިރުވުމުގެ ދާއިރާ އިން އެވޯޑު ހާސިލް ކުރީ ޝާއިރުންގެ ވާދީއެވެ. ތިމާވެށީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ހާސިލް ކޮއްފައިވަނީ ކްލީން މޯލްޑިވްސްއަށެވެ.
ޞިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖްތަމަޢުއަކަށް މަސައްކަތް ކުރުމުގެ ދާއިރާ އިން އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސްއަށް އެވޯޑު ލިބުނު އިރު، މަސްތުވާ ތަކެތިން މުޖްތަމަޢު ރައްކާތެރިކުރުން މި ދާއިރާ އިން އެވޯޑު ހާސިލްކޮއްފައިވަނީ ޖަމިއްޔާ ގިރިންދާއެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވިއެވެ. “ސިވިލް ސޮސައިޓީ އެވޯޑު 7 ޖަމިއްޔާއަކަށް ލިބުނު ނަމަވެސް، 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު މި ވުޒާރާއިން ވަޒަން ކުރައްވާނެ.”

