ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އޮތެންޓިކް މޯލްޑިވްސްގައި ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އަލީބާބާ ވެބްސައިޓް މެދުވެރިކޮށް މުދާ ވިއްކޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސެވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ރާއްޖެއަށް ބޭރުފައިސާ ގެނައުމާއި ފޮނުވުމުގައި ދިމާވާ ދަތިތަކުގެ މައްސަލަތަކަށް އަލިއަޅުވާލާފައެވެ. މިކަމަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކްރީއޭޓިވް އިންޑަސްޓްރީގެ ތެރޭގައި ހިމެނޭ އެކި ބާވަތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް އެ ސިނާޢަތް ފުޅާކުރުމަށް އަމާޒުކުރެވިފައިވާ ކަމަށެވެ.
ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގު ފަހިކުރުމުގެ ގޮތުން ހަމަޖެހުނު މި އިންތިޒާމުގެ ދަށުން، އޮތެންޓިކް މޯލްޑިވްސްގައި ރެޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް އަލީބާބާ ޑޮޓްކޮމް (Alibaba.com) ގައި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ރައީސް ވިދާޅުވީ އަލީބާބާގައި ރެޖިސްޓްރީ ކުރެވިފައިވާ 400 ވެންޑަރުންނަށް މިހާރު އެކްސެސް ލިބިފައިވާ ކަމަށާއި، މި ފުރުސަތު ހޯދުމަށް އޮތެންޓިކް މޯލްޑިވްސްގައި ބައިވެރިވުން މަޖުބޫރު ކަމަށެވެ.
ބޭރު ފައިސާގެ މުޢާމަލާތްތަކުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، މިކަމާއި ގުޅުންހުރި ފަރާތްތަކާއި ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ޕޭޕަލް (PayPal) އާ ގުޅިގެން ކުރަމުންދާ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި، އުއްމީދަކީ ޖެނުއަރީ މަހުގެ ތެރޭގައި މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިގެން ދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް ޚިދުމަތް ކަމަށްވާ ސްވައިޕް (Swipe) އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސްވައިޕްއަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. ބީއެމްއެލްއިން ވިދާޅުވާ ގޮތުގައި، މި ޑިޖިޓަލް ވޮލެޓަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއް ކަމަށާއި، މިއީ ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

