މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ބޮޑު މަޝްރޫއު، ރަސްމާލެ މަޝްރޫއުގެ ދަށުން، ސައިޓް އޭ ގައި ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެ މަޝްރޫއު ހިންގާ ކުންފުނި އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. ސައިޓް އޭގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 23 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މިއީ ސައިޓް އޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 17 އިންސައްތައެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން އިސްކަންދޭ އެންމެ ބޮޑު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ރަސްމާލެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައެވެ. މަސައްކަތް 12 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މި އަހަރުގެ ކުރީކޮޅު މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްފައިވެއެވެ. ސައިޓް އޭގެ މަސައްކަތް ފެށީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. މި މަޝްރޫއުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ވަނީ އާ ގޮތްތަކެއް ހޯދާފައެވެ. ސީއެމްސީސީއަށް މި ޕްރޮޖެކްޓް ދީފައިވަނީ ބިން ހިއްކުމަށް ދާ ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭ ގޮތަށެވެ. އެގޮތުން ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދިނުމަށް ވަނީ ނިންމައިފައެވެ.
ރަސްމާލެ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މިއީ އިންޑިއާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށް ވެގެންދާނެއެވެ. އަދި މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތައާރަފްވެގެންދާނެ މަޝްރޫއެކެވެ.
ނަމަވެސް، މި މަޝްރޫއު ފެށުމުގެ ކުރިން ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ރައީސް ޑރ. މުއިއްޒު އިސްކޮށް ހުންނަވައި މަޝްރޫއު ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވުމުން، އޭރުގެ މަޖިލީހުން އެ މަޝްރޫއު ބަޖެޓުން އުނިކޮށް، އެ ފައިސާ އެހެން މަޝްރޫއުތަކަށް ބަހާލުމުން، މި ސަރުކާރުން ޖެހުނީ އެ މަޝްރޫއު ހިންގަން އެހެން ގޮތެއް ހޯދާށެވެ.

