ހދ. ހަނިމާދޫގައި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް ރޭ ފަށައިފިއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕާސްޕޯޓްގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ފެށުނު ހިދުމަތެކެވެ. މިކަމުގެ ސަބަބުން ހަނިމާދޫގެ ރައްޔިތުންނާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ޕާސްޕޯޓް ހެދުމަށް މާލެއަށް ދާން ނުޖެހި ލުއިފަސޭހަ ވާނެއެވެ.
އިމިގްރޭޝަނުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ހަނިމާދޫގައި ރަސްމީކޮށް މި ހިދުމަތް ތައާރަފުކޮށްފައިވާ ކަމަށެވެ. މި މަޝްރޫއަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ގޮތުގައި ހިމެނޭ މަސައްކަތެކެވެ.
ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ވަނީ ގިނަ ރަށްތަކެއްގައި ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ. އެގޮތުން އެންމެ ފަހުން އެ ހިދުމަތް ތައާރަފްކޮށްފައިވަނީ ތ. އަތޮޅުގެ ތިން ރަށެއްގައެވެ. އެއީ ތ. ގުރައިދޫ، ވިލުފުށި، އަދި ވޭމަންޑޫގައެވެ. މީގެ އިތުރުން ހދ. ހަނިމާދޫގައި ވެސް މިވަނީ ހިދުމަތް ފަށާފައެވެ.
މާލޭ ސަރަހައްދުގައި ވެސް ޕާސްޕޯޓްގެ ހިދުމަތް ފުޅާކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް ޕާސްޕޯޓްގެ ހިދުމަތް ދޭން ވަނީ ފަށާފައެވެ. ރާއްޖޭގެ އެންމެހާ އަތޮޅުތަކަށް ޕާސްޕޯޓްގެ ޚިދުމަތް ފުޅާކުރުމަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

