މާލެ އަތޮޅު ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ފެނިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:21 ހާއިރުކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގުޅީފަޅު ކައިރިން ފެނުނު މި ހަށިގަނޑު ކަނޑުން ނަގައި މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައި ކަމަށެވެ. މަރުވެފައި އޮއްވައި ފެނުނު މީހަކީ ބިދޭސީ ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ލިބޭ ވަރަކުން އާންމުންނާ ހިއްސާކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިވަގުތު މީގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

