ރާއްޖޭގައި ހިންގާ ތިންކް ޓޭންކެއް ކަމަށްވާ ބާނި ސެންޓަރ ފޯ އިންޓަރނޭޝަނަލް ޕޮލިސީ އިން ހެދި ސާވޭއަކުން ދައްކާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރައްވާ ގޮތާ މެދު ވޯޓުލާ އާބާދީގެ 60 އިންސައްތައަށް ވުރެ ގިނަ މީހުން ހިތްހަމަޖެހެއެވެ. މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރު 23 އިން ޑިސެމްބަރު 1 ގެ ނިޔަލަށް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް 391 މީހުންގެ މެދުގައެވެ.
ސާވޭގެ ނަތީޖާއިން ދައްކާ ގޮތުގައި ޖުމްލަ 62 އިންސައްތަ މީހުން ވަނީ ރައީސް މުޢިއްޒުގެ މަސައްކަތްތަކާ މެދު “ހިތްހަމަޖެހޭ” ނުވަތަ “ވަރަށް ބޮޑަށް ހިތްހަމަޖެހޭ” ކަމަށް ބުނެފައެވެ. އޭގެ ތެރެއިން 21 އިންސައްތަ މީހުން ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ފާހަގަކޮށްފައެވެ. އަނެއްކޮޅުން، 38 އިންސައްތަ މީހުން ވަނީ އެމަނިކުފާނުގެ މަސައްކަތާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެފައެވެ.
ޖިންސާއި އުމުރުގެ ނަޒަރަކުން ބަލާއިރު، ފިރިހެނުންނަށް ވުރެ އަންހެނުންގެ މެދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮންނަ ތާއީދު ބޮޑެވެ. އަންހެނުންގެ 64 އިންސައްތަ މީހުން ތާއީދުކުރާއިރު، ފިރިހެނުންގެ 60 އިންސައްތަ މީހުން ތާއީދުކުރެއެވެ. އަދި، ދޮށީ އުމުރުގެ މީހުންގެ ތާއީދު އިތުރުކަން ފާހަގަކުރެވެއެވެ. 55 އަހަރުން މަތީގެ 67 އިންސައްތަ މީހުން ވަނީ އެމަނިކުފާނުގެ މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ. ޒުވާނުން (18-24 އަހަރު) ގެ 50 އިންސައްތަ މީހުން ހިތްހަމަޖެހޭ ކަމަށް ބުނެފައިވާއިރު، އޭގެ ތެރެއިން 8 އިންސައްތަ ޒުވާނުން ވަރަށް ބޮޑަށް ހިތްހަމަޖެހެއެވެ.
އާބާދީގެ ނަޒަރަކުން ބަލާއިރު، 5000 އިން ދަށުގެ ކުދި ރަށްރަށުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮތް ތާއީދު ބޮޑެވެ. އެގޮތުން ކުދި ރަށްރަށުގެ 64 އިންސައްތަ މީހުން ތާއީދުކުރެއެވެ. ބޮޑެތި ތަރައްޤީވެފައިވާ ރަށްރަށް (ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް، އަދި އައްޑޫ ސިޓީ) ގައި ތާއީދުކުރާ ނިސްބަތަކީ 58 އިންސައްތައެވެ.
ރައީސް މުޢިއްޒުއަށް މިހާ ބޮޑު ތާއީދެއް ލިބެމުންދަނީ، އެމަނިކުފާނުގެ ފުރަތަމަ ދެއަހަރުގެ ތެރޭގައި އާއްމު ރައްޔިތުންގެ މަޞްލަޙަތާ ގުޅުންހުރި ގިނަ ކަންތައްތަކެއް ތަންފީޒުކުރައްވާފައިވާތީއެވެ. މީގެކުރިން ޙައްލު ނުވެ ހުރި އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން އަންނަނީ ޤައުމީ ފެންވަރުގައި މަސައްކަތްތައް ކުރަމުންނެވެ.
ރައްޔިތުންގެ ދުޅަހެޔޮކަމަށް ނިންމާފައިވާ މުހިންމު ނިންމުންތަކުގެ ތެރޭގައި ރާއްޖޭގައި ވޭޕް މަނާކުރުމާއި، 2007 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުން ހިމެނެއެވެ.
އިޖުތިމާޢީ މައްސަލަތަކާ ގުޅިގެން ނުޤަވައިދުން އުޅޭ ބިދޭސީން ހޯދުމާއި، ބިދޭސީން ހިންގާ ޤަވާއިދާ ޚިލާފު ވިޔަފާރިތައް ހުއްޓުވުމާއި، ހުއްދަނެތި ހިންގާ ސްޕާތައް ބަންދުކުރުމުގެ އޮޕަރޭޝަންތައް ވަނީ ފަށާފައެވެ. މީގެ އިތުރުން ޑްރަގުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކާއި، ކުށުގެ ވެށިން ރާއްޖެ ސަލާމަތްކުރުމަށް ކުރާ ޚާއްޞަ މަސައްކަތްތަކަށް އާއްމު ރައްޔިތުންގެ ބޮޑު ތާއީދެއް ލިބިފައިވެއެވެ.

