ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު (އީ.އީ.ޒެޑް) ގެ ތެރޭގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސް، އިތުރު ތަހުޤީޤުތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފިއެވެ. މި ދެ ބޯޓު ހިފެހެއްޓީ ދިވެނިރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފް އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެމްއެންޑީއެފް އިން ހާމަކުރެއްވި ގޮތުގައި، މި ބޯޓުތައް ހިފަހައްޓާފައި ވަނީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ އަލީގައި، އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯރ ގުޅިގެން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް ދެނެގަނެ ހުއްޓުވުމަށް ދިވެހި ސިފައިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސްރީލަންކާއަށް ނިސްބަތްވާ މި ދެ ބޯޓު ހިފެހެއްޓި ވަގުތުގެ ތަފްސީލު ހާމަކުރައްވަމުން އެމްއެންޑީއެފް އިން ވިދާޅުވީ، ޑިސެންބަރު 17 ވަނަ ދުވަހުގެ ހެނދުނު 08:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި މި ބޯޓުތައް ހަރަކާތްތެރިވަނިކޮށް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު މި ދެ ބޯޓު މިހާރު ވަނީ އުތުރުގެ މުހިންމު ބަނދަރެއް ކަމަށްވާ ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދާފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުޤީޤު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ފުލުހުން މިހާރު ދަނީ މިކަމާ ގުޅޭ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށް، މައްސަލަ ތަހުޤީޤު ކުރިއަށްގެންދަމުންނެވެ.

