އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ ކަންކަން ހަމަހަމަކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ފާތިމަތު އަހުމަދުއެވެ. އަދި އެމްއެމްބީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލެވެ.
މި އެމްއޯޔޫގެ މަގުސަދަކީ، ގާނޫނީ އޮނިގަނޑުގެ ތެރެއިން މީޑިއާތަކަށް ދޭ މާލީ އެހީތެރިކަން ދިނުމުގެ އެންމެހާ ކަންކަން އެމްއެމްބީސީއާ ހަވާލުކުރުމެވެ. މީގެ ކުރިން މިކަން ކުރިއަށް ގެންދިޔުމުގައި ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ފާޅުވުމާ ގުޅިގެން، އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި މި މަސައްކަތް އެމްއެމްބީސީއާ ހަވާލުކުރަން ނިންމީއެވެ.
މި އެމްއޯޔޫގެ ދަށުން މާލީ އެހީލިބޭ އަމިއްލަ މީޑިއާތަކުގެ ތަފުސީލު އެމްއެމްބީސީން ވުޒާރާއާ ހިއްސާކުރާނެއެވެ. އޭގެ ފަހުން މާލީ ވުޒާރާ މެދުވެރިކޮށް މި ފައިސާ މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެއެވެ. މީޑިއާތަކަށް ބަޖެޓުން ދޫކުރަނީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތައެވެ.
މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރެވެ. މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. މި ފައިސާ ދޫކުރާނީ “މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު”ގެ ދަށުން 3 ޕޭމަންޓަކަށް ބަހާލައިގެންނެވެ.

