މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި ނ. ފޮއްދޫގައި ގާއިމްކުރާ ފުލުހުންގެ އިދާރާގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މިއީ ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި ޕޮލިސް އިމާރާތުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާތަނަށް އިމާރާތުގެ ފައުންޑޭޝަނާއި ތަނބުތަކުގެ މަސައްކަތުގެ އިތުރުން މަތީ ބެރީގެ މަސައްކަތްތައް ވެސް ވަނީ ފުރިހަމަ ކުރެވިފަ އެވެ. މިހާރު ކުރިއަށް ދަނީ އިމާރާތުގެ ވަށާ ފާރުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ.
ފޮއްދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މި އަހަރުގެ ޖުލައި މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޚާއްސަ ރަސްމިޔާތެއްގަ އެވެ. މި މަޝްރޫއު ނިމުމުން ފޮއްދޫގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް ފަސޭހައިން ލިބިގެންދާނެއެވެ.
ފޮއްދޫގައި އެމްޓީސީސީގެ އިތުރު ތިން މަޝްރޫޢު
ފޮއްދޫގައި އެމްޓީސީސީން ހަލުވިކަމާއެކު ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފުލުހުންގެ އިދާރާގެ އިމާރާތުގެ މަސައްކަތުގެ އިތުރުން، އެރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒު ގާއިމްކުރުމާއި، ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، އަދި ފޮއްދޫ ސިއްހީ މަރުކަޒުގެ އިމާާރާތުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. މި ހަތަރު މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖުލައި މަހު އެރަށަށް ކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ.

