ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލު ކޮށްފިއެވެ. މިއީ މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ގުރުއަތުލުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ކަލާފާނު ސްކޫލުގައި ކަމަށެވެ. ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށްދާގެ ހާޒިރުގައި އެ ވުޒާރާގެ މުވައްޒަފުން ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
ގުރުއަތުލުން ކުރިއަށްދާއިރު، ގުރުއަތުލުން ކުރިއަށްދާ ހޯލަށް ވަދެވޭނީ ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ގުރުއަތުލުމަށް ދާ މީހާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށްވަނީ އެދިފައެވެ. މި ގުރުއަތުލުން ޕީއެސްއެމްއިން ވަގުތުން ދުރަށް ދައްކާނެއެވެ.
އަދި ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލް އިން ފެންނަން ހުންނާނެ ކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 1351 ގޯތި ވަނީ ދޫކޮށްފައެވެ. މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ގެނައުމަށް 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި މިހާތަނަށް 31.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި ގުރުއަތުލުމާއެކު، ގޯތި ލިބުނު ފަރާތްތަކަށް އެމީހުންނަށް ލިބުނު ގޯތީގެ ޢަދަދާއި ސަރަޙައްދު އެނގިގެންދާނެއެވެ.

