ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، އއ. މާޅޮހުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު، އެ މަސައްކަތްކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ކޮންކްރީޓް ކީވޯލްގެ މަސައްކަތް ކަމަށް އާރްޑީސީން ބުނެއެވެ.
އާރްޑީސީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އއ. މާޅޮހުގައި ގާއިމުކުރާ އައުޓްޑޯ ޖިމްގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން މި މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ މިދިޔަ މާރިޗް މަހުގައެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއްގެ ދަށުން، މުޅި ރާއްޖޭގައި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ، ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަގުސަދުގައި ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރުގެ އަދި ހަށިހެޔޮކަމުގެ މަޝްރޫޢުތައް ހިންގަމުންނެވެ.
އާރްޑީސީއަކީ އާއްމުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން، ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން، ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމާއި، ސިއްހީ މަރުކަޒުތަކުގެ މަސައްކަތްތަކުގެ އިތުރުން ސްކޫލް އިމާރާތްކުރުމާއި، ބަނދަރު ހެދުމާއި، ކުޅިވަރާއި ހަށިހެޔޮކަމުގެ މަޝްރޫޢުތައް ވެސް އެ ކުންފުނިން ދަނީ ހިންގަމުންނެވެ.

