ހއ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ޒަމާނީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހއ. ދިއްދޫގައި ބިނާކުރާ އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. މި މަސައްކަތް ފެށިގެން ދިއުމަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ކަށަވަރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
ފަސްބުރީގެ ގޮތުގައި ޢިމާރާތްކުރާ މި ހޮސްޕިޓަލް މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އޮކްޓޫބަރ މަހުގެ ހަވަނަ ދުވަހު އެވެ. އަދި މިދިޔަ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ. މި މަޝްރޫޢު ނިންމުމަށް ހަވާލުކޮށްފައިވަނީ 780 ދުވަހުގެ ތެރޭގައި ކަމަށްވާއިރު، އޭގެ އަގަކީ 185.57 މިލިޔަން ރުފިޔާ އެވެ.
ފަންސާސް އެނދުގެ ޖާގަ ހިމެނޭ މި ހޮސްޕިޓަލް ނިމޭއިރު، ޚިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެގެންދާނެ އެވެ. އެގޮތުން، އައިސޮލޭޝަން ފެސިލިޓީއަކާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގައި އެކްސްރޭ އާއި، ސީޓީ އާއި އެމް.އާރު.އައި އާއި، މެމޮގްރަފީ، އަލްޓްރާ ސައުންޑް ސްކޭންގެ ޒަމާނީ ޚިދުމަތްތައް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން، ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓް ވެސް މި ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރެވޭނެ އެވެ.
މި މަޝްރޫޢުގެ ސަބަބުން ހޮސްޕިޓަލުގެ ޚިދުމަތްތައް ހަރުދަނާވެ، ދިއްދޫގެ އިތުރުން ހއ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިއްދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެއް ވަޢުދަކީ ހޮސްޕިޓަލުގެ ޚިދުމަތްތައް ތަރައްޤީކޮށް، އައު އިމާރާތެއް ބިނާކުރުމެވެ. މި މަސައްކަތް ފެށިގެން ދިއުމަކީ އެ ވަޢުދު ފުއްދުމުގެ ދަށުން ކުރިއަށްދާ މުހިންމު ފިޔަވަޅެކެވެ.
ދިއްދޫގައި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާއިރު، ދިއްދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ދެ މަޝްރޫޢަކީ ވެސް ދިއްދޫގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢުތަކެކެވެ. ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ޢިމާރާތްކުރެވޭ މި ހޮސްޕިޓަލްވެގެންދާނީ ޒަމާނީ ފެންވަރަށް ގާއިމްކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލަކަށެވެ.

