ގދ. ގައްދޫގައި ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ. މިއީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
އާރުޑީސީން ވަނީ އެ ކުންފުނީގެ އެކްސް އެކައުންޓް މެދުވެރިކޮށް މި މަސައްކަތުގެ އަދާހަމަ ހިއްސާކޮށްފައެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފުޓިންގ އަދި ފައުންޑޭޝަންގެ މަސައްކަތް ކުރުމަށް ބިން ކޮނުމުގެ މަސައްކަތް ކަމަށް އާރުޑީސީން ވަނީ ހާމަކޮށްފައެވެ. މި މަސައްކަތް ނިމުމާއެކު ސެންޓަރުގެ ބިނާ ކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.
ގައްދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ މާރިޗު މަހު އެވެ. މި މަޝްރޫޢު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 4.6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުގައެވެ. މި މަޝްރޫޢުގެ ދަށުން ގައްދޫގެ ރައްޔިތުންނަށް ކަސްރަތުކުރުމުގެ ފަސޭހަ މާހައުލެއް ގާއިމުވެގެންދާނެއެވެ.
މި މަސައްކަތަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފިޓްނަސް ސެންޓަރުތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއެއްގެ ބައެކެވެ. ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދަނީ ރަށްރަށުގެ ރައްޔިތުންގެ ސިއްހީ ހާލަތު ރަނގަޅުކޮށް، ކަސްރަތަށް ބާރުއެޅުމުގެ ގޮތުންނެވެ.

