ފްލެޓްތައް ހެދުމަށް ބޭންކުތަކުން ލޯނު ނެގި ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެވޭތޯ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލްވުމެއްގައި، އާންމުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ފްލެޓްތައް ހެދުމަށް ބޭންކުތަކުން ލޯނު ނެގި ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެވޭތޯ މޯލްޑިވްސް އިސްލާމިކް ބެންކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. މިއީ، ހިޔާ ފްލެޓްތަކަށް ވަނުމަށްޓަކައި ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހުނު ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ލުޔަކަށް ވެގެންދާނެ ކަމެކެވެ.
ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުން އެންމެ ފަހު ވަގުތު ހަވާލުކުރިއިރު، އެތަންތަނުގެ ފިނިޝަން ނުނިމި ހުރުމުގެ ސަބަބުން، ފްލެޓްތަކަށް ވަނުމަށް އާންމުންނަށް ބޮޑު ހޭދައެއް ކުރަން ޖެހުނެވެ. މިކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފަ އެވެ.
މި ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސް މުޢިއްޒު ވަނީ ކެމްޕެއިންގެ ތެރޭގައި ވެސް، އާންމުންނަށް ލިބުނު މާލީ ގެއްލުމަށް ބަދަލެއްގެ ގޮތުން ހިޔާގެ ކުލީން ދެ ލައްކައެއްހާ ރުފިޔާގެ ލުޔެއް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ރޭގެ ބައްދަލުވުމުގައި ވެސް ރައީސް ވަނީ އެ ނިންމެވުން ތަންފީޒު ކުރައްވާ އެ ލުއި ރައްޔިތުންނަށް ދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފަ އެވެ.
މިހާރު ބޭންކު ލޯނުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކުރައްވާ މަސައްކަތަކީ، ހިޔާ ފްލެޓްތަކުގެ ވެރިފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތައް ކުޑަކުރުމަށް ސަރުކާރުން އިތުރަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

