ޤައުމީ އެއަރލައިން މޯލްޑިވިއަނުން ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފަށާ ފުރަތަމަ ފަހަރުކަމަށް ވުމާއެކު، މިއީ ދެޤައުމުގެ ގުޅުމަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މި ދަތުރުތައް ފަށާނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.
މޯލްޑިވިއަނުން މި ސީދާ ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ ލީޑިންގ ޓްރެވެލް ކުންފުންޏެއްކަމަށްވާ "ލަގްޒަރީ އެސްކޭޕްސް" އާއި ގުޅިގެންނެވެ. މި ދަތުރުތައް ކުރިއަށް ގެންދާނީ އޮސްޓްރޭލިއާގެ މެލްބާންއިންނެވެ. މޯލްޑިވިއަނުން ވިދާޅުވެފައިވާ ގޮތުގައި، މި ދަތުރުތައް ފެށުމަކީ ޤައުމީ އެއަރލައިންއަށާއި ދިވެހިރާއްޖެއަށްވެސް ވަރަށް ތާރީހީ ކަމެކެވެ. މި ދަތުރުތައް ހަފްތާއަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ސީޒަނަލްކޮށް ކުރާ ދަތުރުތަކެކެވެ.
މޯލްޑިވިއަނުން ވަނީ މި ފްލައިޓްތައް ތާވަލުކުރެވިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތަކާ ގުޅުވައިގެންކަމަށް ހާމަކޮށްފައެވެ. މީގެ ސަބަބުން އޮސްޓްރޭލިއާއިން އަންނަ ފަސިންޖަރުންނަށް މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކާއި ސީޕްލޭން ނެޓްވޯކްގެ ހިދުމަތްތަކުގެ ފައިދާ ލިބި، ރާއްޖޭގެ އެކި ރިސޯޓްތަކަށާއި ގެސްޓްހައުސްތަކަށް ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެއެވެ.
މިކަމާއި ގުޅިގެން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޝް ވިދާޅުވީ، "އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެއްކަމަށާއި، މި ދަތުރުތަކުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ" ކަމަށެވެ. އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރުވެސް ދަނީ އިތުރުވަމުންނެވެ. މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން 40,490 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް ޒިޔާރަތްކުރި 35،818 ފަތުރުވެރިންނާ އަޅާބަލާއިރު %13 އިތުރު އަދަދެކެވެ. މި ކުރިއެރުމާއެކު އޮސްޓްރޭލިއާ މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ލިސްޓަށް ވަދެފައެވެ.

