މިއަދުގެ ހުކުރު ހުތުބާގައި، ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުމުގެ މުހިންމުކަމާއި، އިސްލާމްދީނުގެ އަސާސީ އުސޫލުތަކާ ގުޅުވައިގެން މުހިންމު ނަސޭހަތްތަކެއް ދީފިއެވެ.
”ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!“ މި މައުލޫއަށް ދީފައިވާ ހުތުބާގައި ބުނެފައިވަނީ، އިސްލާމްދީނުގައި އެއްވެސް މީހަކަށް ގެއްލުންދިނުމެއް ނުވަތަ ގެއްލުން ލިބިގަތުމެއް ވެސް ނެތް ކަމަށާއި، އެހެންކަމުން ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު ކަމަށެވެ.
ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ކީރިތި ރަސޫލާގެ ޒަމާނުގައި އިންޖީނުލީ އުޅަނދުފަހަރު ނެތް ނަމަވެސް، މަގުތައް ބޭނުންކުރާ މީހުންގެ ހައްގުތަކާއި، އެމީހުން ތަބާވާންޖެހޭ އުސޫލުތަކާއި ވާޖިބުތަކެއް ވެސް އޭރު ހުރިއެވެ. އެ ހައްގުތަކާއި ވާޖިބުތަކުގެ ބޭނުމަކީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެއްވެސް މީހަކަށް އަނެކާއާ ހުރެ އުނދަގުލެއް ފޯރިއަނުދިނުމެވެ. މިހާރު ހަދާފައި ހުރި ޓްރެފިކް ގަވާއިދުތަކާއި އުސޫލުތަކަކީ އިސްލާމީ ޝަރީއަތާ ތައާރުޒުވާ އެއްޗެއް ނޫން ކަމަށާއި، އެއާ އެއްގޮތަށް އަމަލުކުރުމަކީ ވާޖިބެއް ކަމަށް ހުތުބާގައި ބާރުއަޅާފައިވެއެވެ. އެ ގަވާއިދުތައް ހަދާފައިވަނީ އާންމު މަސްލަހަތާއި، މީހުންގެ މުދަލާއި، ފަރުދުންނާއި، ޖަމާއަތުގެ ރައްކާތެރިކަމަށްޓަކައެވެ.
މަގުމަތީގައި ނުރައްކާތެރި ހާދިސާތައް އެންމެ ގިނައިން ހިނގަނީ އުޅަނދުފަހަރު ދުއްވާ މީހުން ގަވާއިދާ ހިލާފުވުމުގެ ސަބަބުން ކަމަށް ހުތުބާގައި ބަޔާންކުރިއެވެ. އަދި އަނެއްބައި ފަހަރު އެކްސިޑެންޓުތައް ހިނގަނީ ފަރިތަކަމާއި، ކުޅަދާނަކަން ދައްކަން އުޅުމުގެ ސަބަބުން ކަމަށް ވެސް ފާހަގަކުރިއެވެ. އުޅަނދުފަހަރު ދުއްވުމުގައި ރައްކާތެރިކަމަށްޓަކައި، ނިދި އައިސްފައިވާ ހާލަތުގައްޔާއި، ހަމަހޭވެރިކަންނުވާ ހާލަތުގައްޔާއި، ނަފްސާނީ ބުރަތަކެއް ތަހައްމަލުކުރާ ހާލަތުގައި އުޅަނދުފަހަރު ނުދުއްވުމަށް ހުތުބާގައި އިތުރަށް ބާރުއަޅާފައިވެއެވެ.
މީގެ އިތުރުން، ދަތުރަށް ފަށާ އިރު، ކަނޑުދަތުރެއް، ވައިގެ ދަތުރެއް ނުވަތަ އެއްގަމުގައި ކުރާ ދަތުރެއް ކަމުގައިވިޔަސް ދަތުރު ދުއާ ކިޔުމަކީ ސުންނަތެއް ކަމަށާއި، ކޮންމެ ދަތުރުވެރިއެއްގެ ވެސް އާދައަކަށް ހަދަންޖެހޭ ކަމެއް ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި ދަތުރު ދުއާގެ ރެކޯޑިންއެއް އިއްވިޔަސް، އަމިއްލައަށް ދުއާ ކިޔުމަށް ސަމާލުކަން ދިނުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ.
ހުތުބާ ނިންމަވާލައްވަމުން ބަޔާންކުރެއްވީ، މި ބިންމަތީގައި ހިނގައިބިނގައި އުޅޭން ޖެހޭނީ ބޮޑާކަމެއް ނެތި ކަމަށާއި، ކިބުރުވެރިކަމާއި، ބޮޑާކަމާއި، ކަންދެއްކުމަކީ މާތް ﷲ ރުއްސަވާ ސިފަތަކެއް ނޫން ކަމަށެވެ. އެހެންކަމުން، މަގުމަތީގެ އުސޫލުތަކަށް ތަބާވެ، އެއްވެސް މީހަކަށް ގެއްލުމެއް ނުދީ ރައްކާތެރިކަމާއެކު ދަތުރުކުރުމަށް ހުތުބާގައި ވަނީ އިލްތިމާސްކުރައްވާފައެވެ.

