ރައްޔިތުންގެ އަޑުއެއްސެވުމުގައި އެތައް އިރެއް ވެގެން ދިޔައިރުވެސް ފޫހިފުޅެއްނުވެއެވެ. މެންދަމުން އަލިވެ ތިނެއް ޖެހި އިރު ވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނެވީ ރައްޔިތުންގެ އަޑުއެއްސެވުމުގައި އެއްވެސް ވަރުބަލިކަމެއްނެތި ފޫހިފިލުވުމެއް ނެތިއެވެ.
މާލެ ސިޓީގެ ރައްޔިތުންނާއި އެ ސިޓީގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެހުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިލްސިލާ ބައްދަލުވުންތަކެއް ފައްޓަވާފައެވެ. މި ބައްދަލުވުންތައް ބާއްވަވަމުން ގެންދަވަނީ ރައްޔިތުން އެންމެ އެދޭ ގޮތަށް ކޮންމެ އަވަށަކަށް ވަކީން ބައްދަލުވުމެއްގެ ގޮތުގައެވެ.
މިފަދަ ކޮންމެ ބައްދަލުވުމެއް ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ދެމިގެންދާއިރު، އޭގެ ތިން ގަޑިއިރު ހޭދަކުރައްވަނީ ރައްޔިތުންގެ ވާހަކަތައް އަޑުއެހުމުގައެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ދަތިތައް ސީދާ ރައީސަށް ހުށަހަޅާއިރު، ބައެއް ފަރާތްތަކުން ސިޔާސީ ވިސްނުމުގައި ވެސް ވާހަކަ ދައްކައެވެ. ނަމަވެސް ރައީސް މި ހުރިހާ ވާހަކަތަކެއް ޝައުޤުވެރިކަމާއެކު އަޑުއައްސަވައި ނޯޓް ކުރައްވައެވެ.
ވަގުތުން ޙައްލުކޮށްދެވެން އޮތް ކަމެއް ނަމަ އެކަން ބައްދަލުވުމުގައި އިޢުލާނު ކުރައްވައެވެ. އަދި ގިނަ ކަންބޮޑުވުންތަކަށް ވަކިވަކީން ޖަވާބު ދެއްވައެވެ. ވަގުތުން ޖަވާބު ދެވެން ނެތް ކަންކަމުގައި ވަރަށް އަވަހަށް ޖަވާބު ދެއްވާނެ ކަމުގެ ޔަޤީންކަމާއި އުންމީދު ދެއްވައެވެ.
ބައްދަލުވުމުގެ ރަސްމީ ބައި ނިމުމަށް ފަހު ވެސް، ބައިވެރިންނާ ވަކިވަކީން ބައްދަލުކުރައްވާން ބޭނުންފުޅުވާތީ އެކަމަށް ފުރުސަތު ދެއްވައި، އެކަމަށް ވެސް އެތައް ވަގުތެއް ހޭދަކުރައްވައެވެ. މި ވަގުތުތަކުގައި ރައްޔިތުންގެ ފަރާތުން އަންނަ ސިޓީތަކާއި ނޯޓްތަކާއި ހަވާލުވެވަޑައިގަންނަވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ.
ރައްޔިތު ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި ބައްދަލުވުން އެހެން ހުރިހާ ބައްދަލުވުންތަކަށް ވުރެ ތަފާތެވެ. މި ބައްދަލުވުމުގެ ފުރަތަމަ ބައިގައި ރައްޔިތުންނަށް ވާހަކަ ދެއްކުމަށް ތިން ގަޑިއިރުގެ ފުރުސަތު ދެއްވިއެވެ. ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، އެންމެ ބޮޑު ކަންބޮޑުވުމަކަށް ވަގުތުން ޙައްލެއް ދެއްވިއެވެ. އެގޮތުން، ހަތަރުހާސް ފްލެޓްގެ ކުލި ކުޑަކުރައްވައި، އެޑްވާންސް ބޮޑު ތަނުން ކުޑަކުރައްވަން ނިންމެވިކަން އިޢުލާނު ކުރެއްވިއެވެ.
ފޭސް ދެއަކީ ދިރިއުޅެން ހިތްގައިމު އަވަށަކަށް ހައްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ރައްޔިތުންނާއި ވަކިވަކީން ބައްދަލުކުރައްވާނެ ކަމަށް އިޢުލާނު ކުރައްވައި، ވަކިވަކީން ބައްދަލުކުރެއްވުމުގައި ވެސް ތިން ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރެއްވިއެވެ. ބައެއް އާންމުން ދިގުކޮށް ރައީސްއާ ވާހަކަ ދެއްކިއިރު، ސިޓީތަކާއި ނޯޓްތައް ހިފައިގެން އައި މީހުންނަށް ޖަވާބު ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރޭގަނޑު 9:00 ގައި ސޮލާޙުއްދީން ސުކޫލުގައި ފެށި މި ބައްދަލުވުން މެންދަމު 3:20 އާ ހަމައަށް ދެމިގެންދިޔައެވެ. ރައީސްއާ ބައްދަލުކުރައްވަން ވަޑައިގެންނެވި ހުރިހާ ރައްޔިތުންނާ ސަލާމް ކުރައްވައި އެމީހުންގެ ވާހަކަތައް އަޑުއެއްސެވިއެވެ.
މިފަދަ ކޮންމެ ބައްދަލުވުމެއްގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެއެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، ބޭސްފަރުވާއާއި، ވަޒީފާގެ ކަންކަމުގައި ކަންބޮޑުވުންތައް ހުރި ރައްޔިތުން ހިމެނެއެވެ. ރައްޔިތުން މި ކަންބޮޑުވުންތައް ހިއްސާ ކުރަނީ އެއްވެސް ފޮރުވުމެއް ނެތި، ރައީސަށް އޮތް އިތުބާރާއެކުއެވެ. ސިޓީތަކާއި ނޯޓްތަކަށް ޖަވާބު ލިބި، މައްސަލަތައް ޙައްލުވެދާނެ ކަމުގެ ޔަޤީންކަން އޮތުމުންނެވެ.
ރައީސް މުޢިއްޒަކީ އެހެން ރައީސުންނާ ތަފާތު ބޭފުޅެއް ކަމަށް ރައްޔިތުން ޤަބޫލުކުރާތީ، ބައެއް ރައްޔިތުން ތިން ހަތަރު ގަޑިއިރު ވެސް ރައީސްއާ ބައްދަލުކުރެއްވުމަށް މަޑުކުރެއެވެ. މައްސަލަތައް ޙައްލުކޮށްދެއްވުމަށް އިޚްލާސްތެރިކަމާއެކު ރައީސް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު ރައްޔިތުންނަށް އޮތުމަކީ މިފަދަ މަންޒަރުތައް ފެންނަ ސަބަބެވެ.
ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ކެބިނެޓްގެ ހުރިހާ ވަޒީރުންނާއެކު ރައީސް މިފަދަ ބައްދަލުވުމެއް ބާއްވަވާ މިއީ ފުރަތަމަ ފަހަރެވެ. އަދި ރައްޔިތުންނާއި ވަކިވަކީން މިފަދައިން ބައްދަލުކުރައްވައި، އެމީހުންގެ ވާހަކަތަކަށް މިގޮތަށް ފުރުސަތު ދެއްވި ދެވަނަ ވެރިއަކު މިރާއްޖެ އަދި ނުދެކެއެވެ.
ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މި ސިލްސިލާއާއެކު، އެމަނިކުފާނު ތާރީޚުން ޖާގަ ހޯއްދެވީ މުޅިން ތަފާތު ރައީސެއްގެ ގޮތުގައެވެ. ރައްޔިތުންގެ ހުރިހާ ވާހަކަތަކެއް އަޑުއެއްސަވައި، އެކަމަށް އެންމެ ދީލަތިކަމާއެކު ވަގުތު ދެއްވި ރައީސެއްގެ ގޮތުގައެވެ. މިކަން ގިނަ ރައްޔިތުން ފާހަގަ ކުރަނީ އުފަލާއި ޝުކުރުވެރިކަމާ އެކުކަން އެމީހުންގެ މޫނުމަތީން ފެންނަ މަންޒަރުތަކުން ޔަޤީންވެއެވެ.

