ހުޅުމާލެ ދެވަނަ ފިޔަފަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 4،000 ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް މިހާތަނަށް ދެއްކި ފަރާތްތަކުގެ ފައިސާ، ކުރިއަށް އޮތް މަސްތަކުގެ ކުލިން އުނިކޮށްދޭގޮތަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް، އެފްޑީސީގެ ފްލެޓުތަކުގެ ކުއްޔާއި ޑިޕޮސިޓަށް ބަދަލު ގެނައުމާ ގުޅިގެން ނިންމާފައިވާ ނިންމެވުމެކެވެ.
އެފްޑީސީން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކުން ކުރިން ޑިޕޮސިޓާއި ކުލީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިއިރު، ރައީސް މުޢިއްޒު ވަނީ އެ ކަންބޮޑުވުންތަކާ ގުޅިގެން އަގުތަކަށް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފްލެޓްތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށްދެއްވާނެކަން އިޢުލާންކުރައްވާފައެވެ.
ޑިޕޮސިޓް ފައިސާ އެޑްޖަސްޓުކުރާނެ ގޮތް
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ކުރިން ދައްކާފައިވާ ސެކިއުރިޓީ ޑިޕޮސިޓް ފައިސާގެ ތެރެއިން ކުޑަކުރި އަދަދު، ކުރިއަށް އޮތް މަސްތަކުގެ ކުލިން އުނިކޮށްދެވޭނެއެވެ. އެގޮތުން:
- ތިން ކޮޓަރީގެ ފްލެޓް: ކުރިން ޑިޕޮސިޓްގެ ގޮތުގައި ދެއްކި 25،000ރ. އިން ކުޑަކުރި 8،500ރ. އުނިކުރުމަށްފަހު، ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން އެޖެސްޓުކޮށްދެވޭނެއެވެ.
- ދެ ކޮޓަރީގެ ފްލެޓް: ކުރިން ޑިޕޮސިޓްގެ ގޮތުގައި ދެއްކި 15،000ރ. އިން ކުޑަކުރި 6،000ރ. އުނިކުރުމަށްފަހު، ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން އެޖެސްޓުކޮށްދެވޭނެއެވެ.
މި ބަދަލުތަކަށްފަހު، ތިން ކޮޓަރީގެ ފްލެޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 8،500 ރުފިޔާއެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހޭނީ 6،000 ރުފިޔާއެވެ.
އާ ކުލިތަކާއި ޑައުންޕޭމަންޓް
4000 ފްލެޓުތަކުގެ އަގުތަކަށް ގެނެވުނު ބަދަލާއެކު، މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ވެސް ވަނީ ކުޑަކުރެވިފައެވެ. ކުރިން ދެ ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާއެކު 8،000ރ. ދައްކަން ޖެހުނުއިރު، މިހާރު ދައްކަންޖެހެނީ ޖުމްލަ 7،000 ރުފިޔާއެވެ. މީގެ ތެރޭގައި މަހު ކުލީގެ 6،000 ރުފިޔާ އާއި މެއިންޓަނަންސް ފީގެ 1،000 ރުފިޔާ ހިމެނެއެވެ.
އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިން މެއިންޓެނަންސް ފީއާއެކު 10،500ރ. ދައްކަން ޖެހުނުއިރު، މިހާރު ދައްކަންޖެހެނީ ޖުމްލަ 10،000 ރުފިޔާއެވެ. މީގެ ތެރޭގައި މަހު ކުލީގެ 8،500 ރުފިޔާ އާއި މެއިންޓަނަންސް ފީގެ 1،500 ރުފިޔާ ހިމެނެއެވެ. ޑައުންޕޭމަންޓުގެ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތަކަށް 15،000ރ. އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 25،000ރ. ދައްކަންޖެހޭނެއެވެ.

