ދިވެހި ބޭސްވެރިކަން ކުރިއަރުވައި، އެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ޤައުމީ ބޭސްވެރިކަމުގެ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ ޓްރެޑިޝަނަލް މެޑިސިންއާ ބެހޭ ޑަބްލިޔުއެޗްއޯގެ ދެވަނަ ގްލޯބަލް ސަމިޓުގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ސިއްހަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ދާއިރާގައި އިސްކަންދޭ ކަންތައްތަކާ އެއްގޮތަށް، ރައްކާތެރިކަމާއެކު އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް، ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމަނިކުފާނު ވަނީ، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ތަރައްޤީވަމުން އަންނައިރު ރާއްޖެއަށް އޮތް ޚާއްސަ ހާލަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ. އެގޮތުން، ދިވެހި މުޖުތަމަޢުން ޒަމާނުންސުރެ ފެންނަ ޤުދުރަތީ ވަސީލަތްތަކާއި، ކަނޑުގެ ވަސީލަތްތަކާއި، ވާރުތަވަމުން އައި ބޭސްވެރިކަމުގެ އާދަތަކާއި ގުޅިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ނާޒިމް ވިދާޅުވީ، ދިވެހި ބޭސްވެރިކަމަކީ އާންމުކޮށް ބޭނުން ކުރާ ބޭސްވެރިކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ސައިންސާއި އަޚްލާޤީ އަދި ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ އެހީތެރިއެއްގެ ގޮތުގައި ހިފެހެއްޓެން ޖެހޭ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ދިވެހި ބޭސްވެރިކަން ކުރިއަރުވަން ރާއްޖެއިން ކުރަން ނިންމާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، ދިވެހި ބޭސްވެރިކަމަށް ފަންނީ އިރުޝާދު ދިނުމާއި، ދާއިރާތައް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޤައުމީ ސަޤާފީ ބޭސްވެރިކަމުގެ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ބޭސްވެރިކަމުގެ އާދަތައް، ޚާއްސަކޮށް ހަށިގަނޑުގެ ކަށިތަކާއި، މަސްތަކާއި ގުޅުންހުރި ފަރުވާއާއި ސިއްޙަތު ރަނގަޅު ކުރުމާއި ގުޅޭ ކަންކަން، ފިޔަވަހިކޮށް ލިޔެކިޔުންތައް އެއްކުރުމުގެ އިތުރުން އަޚްލާޤީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިރާސާކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެކިއެކި ދާއިރާތަކުގެ ބައިވެރިވުމާއެކު، ހޮވާލެވޭ ރަށްރަށުގެ މައިގަނޑު ސިއްޙީ ޚިދުމަތްތަކުގެ ތެރެއަށް ބޭސްވެރިކަން ހިމެނުމުގެ މަގުތައް ހޯދައި ދިރާސާކުރުން ހިމެނޭ ކަމަށްވެސް ސިއްޙަތާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.
މި ސަމިޓަކީ، "ސިއްޙަތާއި ހަށިގަނޑުގެ ހިތްހަމަޖެހުމުގެ ސައިންސާއި އަމަލު" މި މައުޟޫޢުގެ ދަށުން ބޭއްވި ބައްދަލުވުމެކެވެ. ވަޒީރުންގެ މެދުގައި ބޭއްވި މިވަށްމޭޒު ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްޙަތާބެހޭ 24 ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބޭފުޅުންގެ ތެރޭގައި ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރޭސަސްވެސް ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ދިއްލީ ޑިކްލަރޭޝަނަށް އެއްބަސްވެ ވަޑައިގެންފައެވެ. މި ސަމިޓުގެ މަޤްސަދަކީ، އަލަށް ބަލައިގަނެފައިވާ ގްލޯބަލް ޓްރެޑިޝަނަލް މެޑިސިންގ ސްޓްރެޓެޖީއާ އެއްގޮތަށް، އާންމުކޮށް ބޭނުންކުރާ ސިއްހީ ނިޒާމުތަކުގެ ތެރެއިން ހެކިތަކުގެ މައްޗަށް ބިނާކޮށް، ސަޤާފީ ބޭސްވެރިކަން އިތުރަށް ހަރުދަނާ ކުރުމެވެ.

