ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި ގުރުއަތުލުން ކުރިއަށްދަނީ ކަލާފާނު ސްކޫލުގައެވެ. މިއީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށާއި ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކަކާ ގުޅިގެން، ކުރިން ލިބުނު ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވާތީ، އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށް އަލުން ކުރިއަށް ގެންދާ ކަމެކެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން، ކުރިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދު ބަދަލުވުމުގެ ސަބަބުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެންދާނެތީ މި ގުރުއަތުލުން އަލުން ނެގުމަށް ނިންމީއެވެ. މި ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރާނެއެވެ.
މި ސްކީމުގެ ދަށުން ދޫކުރާ 698 ގޯތި ހިމެނެނީ 7 ސައިޒަކަށެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ދޫކުރަނީ 2050 އަކަފޫޓުގެ ގޯއްޗެވެ. ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލު ތިރީގައި މިވަނީއެވެ:
- 1650 އަކަފޫޓު: 181 ގޯތި
- 2050 އަކަފޫޓު: 242 ގޯތި
- 2450 އަކަފޫޓު: 132 ގޯތި
- 2850 އަކަފޫޓު: 62 ގޯތި
- 3250 އަކަފޫޓު: 41 ގޯތި
- 3650 އަކަފޫޓު: 16 ގޯތި
- 4000 އަކަފޫޓު: 24 ގޯތި
ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ. ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ޕްލޮޓްގެ ނަންބަރު ގުރުނެގުމާއެކު ވަގުތުން ހިޔާވެހި ޕޯޓަލްއިން ފެންނާނެއެވެ. އަދި އެފަރާތަކަށް ލިބޭ ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އަންގާނެއެވެ. މި ގުރުއަތުލުން ޕަބްލިކް ސަރވިސް މީޑިއާގެ ޔެސް ޓީވީން ވަގުތުން ދުރަށް ދައްކަމުންދާކަން ފާހަގަކޮށްލެވެއެވެ.
ގުރުއަތު ނަގާ ސަރަޙައްދަށް ވަދެވޭނީ ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށެވެ. ގޯތި ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާނަމަ، އެކަން އަންގައިދޭ ލިޔުމާއި، ގޯތީގެ ވެރިފަރާތާއި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.
ގުރުއަތު ނަގައި ނިމުމުން، ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތު ފަހުން އާންމުކުރާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވަނީ، ކުރީގެ ޕްލޭނުގައި ބަނދަރުގެ ޖާގަ ނެތުމާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދިމާވާނެ ދަތިތަކާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މަތީން މުޅި ހުޅުމާލޭގެ އައު މާސްޓަރ ޕްލޭނެއް އެކުލަވާލުމާ ގުޅިގެންނެވެ.

