ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މި ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވޭ ބައްދަލުވުމެކެވެ.
ތަރުޖަމާން ހީނާ ވަލީދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ ޑިސެމްބަރު 21 ވަނަ ދުވަހުގެ ރޭ 20:30 ގައި ރެހެންދި ސްކޫލްގައި ކަމަށެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުން ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވަނީ “ހުޅުމާލޭ ފޭސް އެކެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަން،” މިފަދައިން ވިދާޅުވެފައެވެ.
ރައީސް ޑރ. މުއިއްޒު މިހާރުވެސް ގެންދަވަނީ މާލެ ސަރަހައްދުގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން، މީގެ ކުރިން އެމަނިކުފާނު ވަނީ ހުޅުމާލެ ފޭސް 2 ގެ އިތުރުން މާލޭގެ ވިލިމާލެ، މާފަންނު، މައްޗަންގޯޅި، ގަލޮޅު އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭވެސް ރައީސް ވަނީ ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ގިނަ ވަގުތު ހޭދަކުރައްވައިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، ރައްޔިތުންގެ ޝަކުވާތައް ރައީސް ގެންދަވަނީ ވަރަށް ގާތުން އަޑުއައްސަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. އެގޮތުން، އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ހާލަތު ދެނެގަނެ، އެމީހުންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތް ފައްޓަވާފައެވެ.

