ގދ ފިޔޯރީ ކައުންސިލުގެ ބީފާން ވޮލީމުބާރާތް 2026 ގެ ލައިވް ސްޓްްރީމް އަދި އިވެންޓް މެނޭޖް ކުރުމަށް ރާއްޖޭގެ މަޝްހޫރު އޮރިއޮން އެފްއެކްސް ހަމަޖައްސައިފިއެވެ.
އަންނަ ޖެނުއަރީ 15 ގައި ފެށުމަށް ތައްޔާރުވަމުން އަންނަ ފިޔޯރީ ބީފާން ވޮލީ މުބާރާތަކީ ސަރަހައްދީ އެންމެ ބޮޑު އެއް މުބާރާތެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް ލައިވް ކުރުމާއި، އިވެންޓް މެނޭޖްކުރުން ހަވާލު ކޮށްފައިވާ އޮރިއޮން އެފްއެކްސް އަކީ ރާއްޖޭގެ ބޮޑެތި މުބާރާތްތައް އިވެންޓް މެނޭޖް ކުރުމާއި ލައިވް ސްޓްރީމް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދާ ބައެކެވެ.
އޮރިއޮންގެ ކާމިޔާބު މުބާރާތްތަކަށް ބަލާއިރު، ބ އޭދަފުށި ކަޕް 2025 ގެ ނިންމުމުގެ ރަސްމިއްޔާތާއި، މަހިބަދޫ ޔޫތު ހޭންޑްބޯލް މުބާރާތް 2025ގެ ހުޅުވުމުގެ ރަސްމިއްޔާތާއި، މަހިބަދޫގެ ޔޫތު ކަޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން، މުޅި ރާއްޖެއަށް މަޝްހޫރުވި ބެޓާ އިން ބާ ފުޓްސަލް ޗެލެންޖްގެ ކުލަގަދަ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އޮރިއޮން އެފްއެކްސް އިންނެވެ. މީގެ އިތުރުން ދ އަތޮޅު ވޮލީ ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތުވެސް ކުރިއަށް ގެންދިޔައީ އޮރިއޮން އެފްއެކްސް އިންނެވެ. އަދި ކްރޮސް ރޯޑުގައި ބޭއްވުނު އަލްކެމީ ައެނިވާސަރީގެ ސްޕެޝިއަލް އިފެކްޓްވެސް ހަދައިދީފައިވަނީ އޮރިއޮން އެފްއެކްސް އިންނެވެ. ކ އަތޮޅުގެ ގިނަ މުބާރާތްތަކުގެ އިވެންޓް މެނޭޖްކުރުން އޮރިއޮން އެފްއެކްސް އިން ކުރިއަށް ގެންގޮސްފައިވާއިރު އެންމެ ފަހުން ކ ގުޅީ ކައުންސިލުން ބޭއްވި ފިއެސްޓާގެ ނިންމުމުގެ ރަސްމިއްޔާތު ވެސް ކުރިއަށް ގެންގޮސްފައިވަނީ އޮރިއޮން އެފްއެކްސް އިންނެވެ.
މުބާރާތުގެ ލައިވް ސްޓްރީމް އަދި އިވެންޓް މެނޭޖް ކުރުން އޮރިއޮން އެފްއެކްސް ހަވާލުކޮށްފައިވާ އިރު ބްރޭންޑިން އަދި ޑިޒައިނިން ޕާޓްނަރަކީ ރާޅު އާޓްސް އެންޑް ޑިޒައިންއެވެ.
ރާޅު އާޓްސް އެންޑް ޑިޒައިންއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބްރޭންޑިން އަދި ފޮޓޯ ނެގުމުގެ މަސައްކަތް ކުރާ ބައެކެވެ. ރާއްޖޭގެ ބޮޑެތި މުބާރާތް ތަކުގެ ބްރޭޑިންގެ ހުމަސައްކަތެއް ރާޅު އާޓްސްއިން ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އިތުރުން ތިނަދޫ ސިޓީއާއި ރާއްޖޭގެ ދެކުނުގެ މުބާރާތްތައް ހިމެނެއެވެ.
ފިޔޯރީގައި އެންމެ ފަހުން ބޭއްވުނު ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ބްރޭޑިން ޕާޓްނަރަކީ ވެސް ރާޅު އާޓްސްއެވެ.
މިމުބާރާތް ރާވައި ހިންގުމާއި އިންތިޒާމް ކުރުމުގެ ހުރިހާ ކަމެެއް ހަވާލުކޮށްފައިވަނީ ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް ( ފޭސް ) އާއިއެވެ. ފޭސް އަކީ މުބާރާތްތަކާއި އިޖްތިމާއީ ހަރަކާތްތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެސޯސިއޭޝަނެކެވެ. އެންމެ ފަހުން ނިމިދިޔަ ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް ހޯސްޓް ކުރީވެސް ފޭސް އިންނެވެ.
2 ޑިވިޝަނަށް ހުޅުވާލައިގެން އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު މުބާރާތުގެ ޗެމްޕިއަންޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

