ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އިޓަލީގެ ގައުމީ އެއާލައިން ކަމަށްވާ އައިޓީއޭ އެއާވޭސްއަށް ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ. މީގެ އިތުރުން، އެއާ ފްރާންސް އިން ވެސް ވަނީ ޓާމިނަލް 1 އިން އެމީހުންގެ އޮޕަރޭޝަންތައް ރަސްމީކޮށް ފަށާފައެވެ.
މި ދެ އެއާލައިންގެ ސަބަބުން، ޓާމިނަލް 1 އިން ހިދުމަތް ދޭ އެއާލައިންތަކުގެ ޖުމްލަ އަދަދު 36 އަށް އަރައިފިއެވެ.
އައިޓީއޭ އެއާވޭސްއަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމްއެވެ. ރަސްމިއްޔާތުގައި އައިޓީއޭ އެއާވޭސްގެ އައުޓްސްޓޭޝަން ކޯޑިނޭޓަރ، ޑެނިއެލް ޕިރާސް އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އައިޓީއޭ އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިޓަލީގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2022 ގައެވެ. ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 60 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އައިޓީއޭ އެއާވޭސްގެ ފުރަތަމަ ފްލައިޓް، AZ776 އިން ރާއްޖެ އައި 290 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އައިޓީއޭ އެއާވޭސްއާއި އެއާ ފްރާންސްގެ އޮޕަރޭޝަންތަކާއެކު، ޓާމިނަލް 1 އިން މިހާރު ދަނީ 36 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ. މި ދެ އެއާލައިންގެ އޮޕަރޭޝަންތައް ފެށުމަކީ ވީއައިއޭގެ ޓާމިނަލް 1 ގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

